މުހައްމަދު އައުޒަމް
މިއަދުން ފެށިގެން އެމްޕީއެލްއިން ކާބޯތަކެތީގެ މުދާ ބޭނުން ވަގުތެއްގައި ނެރެވޭނެ ގޮތް ޓްރާންސްޕޯޓް މިނިސްޓްރީން ހަދައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި މައުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ރަފީއު ވިދާޅުވީ މިނިސްޓްރީގެ ފަރާތުން ވިޔަފާރިވެރިންނާއި ކަމާބެހޭ ދާއިރާތަކުގެ ބޭފުޅުންނާއި ބައްދަލުކޮށް ކުރި މަޝްވަރާއަށްފަހު ނިންމާފައިވަނީ ކާބޯތަކެތީގެ ގޮތުގައި ބޭނުންކުރާ މުދާ އެމްޕީއެލް އިން ހުރިހާ ވަގުތެއްގައި ވެސް ނެރެވޭނެ ގޮތަށް ހުއްދަދިނުމަށް މިއަދުން ފެށިގެން ނިންމާފައިވާ ކަމަށެވެ.
ރަފީއު ވިދާޅުވީ މިނިންމެވުން ނިންމާފައި ވަނީ މިއީ ސްކޫލް ބަންދު ދުވަސްވަރު ކަމަށްވެފައި ލުއިފަސޭހަ ގޮތެއް ހެދުމުގެ ގޮތު ންނިންމެވި ނިންމެވުމެއް ކަމަށެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ބޭނުން ވަގުތެއްގައި ކާބޯތަކެތީގެ މުދާ ބޭރުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެސިސްޓަންޓް ޑިރެކްޓަރ ހުސައިން ނަޒީރު ވިދާޅުވީ ހަވީރު 3ގެ ފަހުން ހެނދުނު 6 ޖެހުމާ ހަމައަށް ކޮންޓެއިނަރުގައި ގެންނަ މުދާ އެމްޕީއެލް އިން ނެރެގެން ގެންދެވޭނެ ކަމަށެވެ.
މިހާރު އަމަލުކުރާ ގަވާއިދުގެ ދަށުން އެމްޕީއެލްއިން ނެރެގެން ގެންދާ މުދާ ގެންދެވެނީ އިރުއޮއްސި 6 ގެ ފަހުންނެވެ.