ޚަބަރު

ކޮވިޑް 19 : 65 އަހަރުން މަތީގެ މީހުން ތިބި ތަން ދެނެ ގަނެ އެމީހުންގެ ހާލު ބަލަނީ

އަލީ ޔާމިން

ރާއްޖޭގައި ދިރިއުޅޭ އުމުރުން 65 އަހަރުން މަތީގެ މީހުން ދިރިއުޅޭ ތަންތަން ދެނެގަނެ އެމީހުންގެ ހާލު ބެލުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

ކޮވިޑް 19 އާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ކޮވިޑް 19 ޖެހުމުގެ ފުރުސަތު އުމުރުން ދުވަސްވީ މީހުންނަށް ބޮޑު ކަމަށާއި އެހެންކަމުން ރާއްޖޭގައި ތިބި 65 އަހަރުން މަތީގެ މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އެލްޑާލީ ޕޮޕިއުލޭޝަނަށް މީގެ ރިސްކް އެބަ އޮވޭ. އެހެންވެ މިހާރު އިރުޝާދު ދެވިގެން ކަންކުރެވިގެން އަންނަ ގޮތަކީ މިހާރު ރާއްޖޭގައި ތިބި 65 އަހަރުން މަތީގެ ހުރިހާ ބޭފުޅުން ތިބި ތަންތަނާއި އެ ބޭފުޅުންގެ ސިއްހީ ހާލަތު ދެނެގަތުމުގެ މަސައްކަތެއް މިހާރު ޓީމަކުން ފަށްޓައިގެން ކުރިއަށް އެބަގެންދޭ." މަބްރޫކް ވިދާޅުވިއެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ކޮވިޑް 19ގެ ނުރައްކާ އުމުރުން ދުވަސްވީ މީހުންނަށް ބޮޑެވެ. އަދި ކޮވިޑް 19 ޖެހިގެން މަރުވެފައިވާ މީހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރުވެސް އެންމެ ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ.

ރާއްޖޭގައި މިހާތަނަށް ވަނީ 13 މީހަކު ކޮވިޑް 19އަށް ޕޮޒިޓިވްވެފައެވެ.