ޚަބަރު

ރާއްޖެ އެއްކޮށް ލޮކްޑައުން ކުރުމަށް ވަކިގޮތެއް ނުނިމޭ، މަޝްވަރާތައް ކުރިއަށް އެބަދޭ: ސަރުކާރު

އަލީ ޔާމިން

ކޮރޯނާވައިރަސްއާ ގުޅިގެން ރާއްޖެ އެއްކޮށް ލޮކްޑައުން ކުރުމަށް ވަކިގޮތެއް ނުނިމޭ ކަމަށާއި ނަމަވެސް ކޮވިޑް 19އާ ގުޅިގެން ދެން އަޅަން ޖެހޭ ފިޔަވަޅުތަކާ މެދު މަޝްވަރާ ކުރެވެމުން އަންނަ ކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮވިޑް 19 އާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ރާއްޖެ ލޮކްޑައުންކުރަން ސަރުކާރުން އަދި ނިންމާފައި ނުވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ހާލަތަށް ބަލައި އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއްވެސް އަޅަމުން ގެންދާނެ ކަމަށެވެ. އަދި އެ ފިޔަވަޅުތައް އަޅަމުންގެންދާނީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ހަރަކާތްތެރިވަމުން އަންނަ ޑޮކްޓަރުންގެ ޓެކްނިކަލް ޓީމުގެ މަޝްވަރާ އާއި ލަފާގެ މަތިން ކަމަށެވެ.

މަބްރޫކް މިހެން ވިދާޅުވެފައިވާއިރު، ބައެއް ޑޮކްޓަރުން ހިމެނޭހެން އާންމު ރައްޔިތުން އަންނަނީ ކޮވިޑް 19އާ ގުޅިގެން ރާއްޖެ ލޮކްޑައުންއަށް ގެންނަން ޖެހޭ ކަމަށް ބުނަމުންނެވެ.

މިހާތަނަށް ރާއްޖެއިން ވަނީ 13 މީހަކު ކޮވިޑް 19އަށް ޕޮޒިޓިވްވެފައެވެ.