ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތައް އެދޭގޮތަށް އެމްޑީޕީން ކަންތައް ކުރަން ނުޖެހޭ ކަމަށާއި ސިޔާސީ ޕާޓީތަކުގެ ކޯލިޝަން ހަދާނެ ދައުރެއް މަޖިލީހުގެ ގާނޫނީ އެއްވެސް އޮނިގަނޑެއް އެކަށައަޅާފައި ނެތް ކަމަށް ޕީޕީއެމްގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ، 97000 ވޯޓު ހޯދުމަކީ ރައްޔިތުންގެ ވަރަށް މަތީ މެންޑޭޓެއް ކަމުގައި ދެކޭ ކަމަށާއި އިދިކޮޅުން މަސައްކަތްކުރެއްވީ މާސިންގާ ބޮޑު ކޯލިޝަނެއް ކަމަށެވެ. އަދި ނަތީޖާއިން އެނގިގެން ދިޔައީ އަދިވެސް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ތަރައްގީގެ ނާރެހުން ކޮށްދެއްވާފައިވާ މަސައްކަތްތައް ރައްޔިތުން ގަބޫލުކޮށްފައިވާ ކަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މެޖޯރިޓީ ލިބޭ ވަރަށް ވޯޓު ނުލިބުނީ. އެނގިވަޑައިގަންނަވާނެ ފަދައިން އިދިކޮޅުން މަސައްކަތްކުރެއްވީ މާސިންގާ ބޮޑު ކޯލިޝަނެއް. އޭގެ ތެރޭގައި އެތައް ޕާޓީތަކަކާއި އެތައް ވަކިވަކި ޝަހުސުންތައް ހިމެނޭ. އޭގެ ތެރެއިން އެއްބައި ބޭފުޅުން ޖަލުގައި ތިއްބެވީ، އެބޭފުޅުންގެ އާއިލާ އާއި އެބޭފުޅުން ދެނެވަޑައިގަންނަވާ ހުރިހާ ބޭފުޅުން ތިއްބެވި. އަދި އޭގެ ތެރެއިން ރަޖިސްޓަރީ ކޮށްފައިވާ ހުރިހާ ޕާޓީތަކުން، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ، އެ ދެ ޕާޓީ ނޫނަސް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް، އެމަނިކުފާނަށް ސަޕޯޓްކުރައްވާ ހުރިހާ ބޭފުޅުން ކަހަލަ ގޮތަކަށް މި ތިއްބެވީ އެމްޑީޕީގެ މި އުފެދިގެންދިޔަ ކޯލިޝަންގެ ތެރޭގައި،"
ނިހާން ވިދާޅުވީ ވެރިކަމަކީ ޕާޓީއަށް ލިބޭ އެއްޗެއް ކަމަށާއި މިފަހަރު ވެރިކަން ލިބުނީ އެމްޑީޕީއަށް ކަމަށެވެ. އަދި ކޮންމެ ބަޔަކު އެއްވެގެން ގެނައި ނަމަވެސް، ހުވާކުރާ މުއްދަތުން ފެށިގެން އެއްވެސް ފަރާތަކަށް ވެރިކަމުގެ މައްޗަށް އަމުރެއް ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ކޯލިޝަން އޮންނަ ގޮތެއް ގާނޫނު އަސާސީ ނުބުނެދޭ. އަދި އެންމެ ގާނޫނެއްގައި ވެސް ބަޔާކޮށްދީފައެއް ނެތް. މަޖިލީހުގައި މުސްތަގުބަލުގައި ވަކިގޮތެއް ކަނޑައެޅިގެން މެންބަރުން ވަކިގޮތަކަށް އެއްބަސްވެ، ފާސްކޮށް އަދި ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާ ހަމައަށް ނޫނީ ކޯލިޝަންގެ ހަމަތައް ބަޔާންކުރާނެ އެއްވެސް އުސޫލެއް ނޯންނާނެ. އެހެންވީމާ އެމްޑީޕީއަކަށް މަޖުބޫރެއް ނުވާނެ އަދާލަތު ޕާޓީ އެދިލެއްވިހާ ކަންތައްތަކެއް ކުރާކަށް. އަދި ޖުމްހޫރީ ޕާޓީ އެދިލެއްވިހާ ކަންތައްތަކެއް ކުރާކަށް. އަދި މައުމޫން އަބްދުލްޤައްޔޫމްގެ ސަޕޯޓަރުން އެދިލެއްވިހާ ކަމެއް ކުރާކަށެއް،" އޭނާ ވިދާޅުވިއެވެ.
ނިހާން އިތުރަށް ވިދާޅުވީ ގާނޫނު އަސާސީ ބަޔާންކުރާ ގޮތުގައި ރަނިންމޭޓަކީ ވަކި ޕާޓީއަކުން ލާފައިހުރި ރަނިންމޭޓެއްތޯ ނޫންތޯ އެއީ އުފެދޭ ސުވާލެއް ނޫން ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ހުންނަވާ ބޭފުޅަކީ ގާނޫނު އަސާސީ ބަޔާންކުރާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ކަމެއް ކުރައްވާ ބޭފުޅެއް ކަމަށެވެ.
"އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައްޔިތުން ދިން މެންޑޭޓް ދީފައި މިއޮތީ އެމްޑީޕީއަށޭ. އިބްރާހިމް މުހައްމަދު ސޯލިހަށޭ. ފައިސަލް ނަސީމަށޭ. އެއީ ޖުމްހޫރީ ޕާޓީން ލާފައިހުރި ރަނިންމޭޓެއްތޯ ނޫންތޯ އެއީ އުފެދޭ ސުވާލެއް ނޫން. ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ހުންނަވާ ބޭފުޅަކީ ގާނޫނު އަސާސީ ބަޔާންކުރަނީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ކަމެއް ކުރައްވާ ބޭފުޅެއް. މިއަދު އަޅުގަނޑު އަންގާލައްވަންދެން ގޭގައި މަޑުކޮށްލަން އެންގީމާ، ހަމަ ގޭގައި މަޑުކުރައްވަން ޖެހޭނީ. އެހެންވީމާ މިކަން މިގޮތުގައި ގެންދިއުމަށް ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެ،" އޭނާ ވިދާޅުވިއެވެ.