މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން

ޑްރައިވިން ލައިސަންސަށް އަލަށް އެދޭ ފަރާތްތަކަށް ހިދުމަތް ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފި

އައިދާ އަބްދުލް ހަކީމް

ޑްރައިވިން ލައިސަންސަށް އަލަށް އެދޭ ފަރާތްތަކަށް ހިދުމަތް ދިނުން މާދަމާއިން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ މިހާރު ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއްގަމުގައި ދުއްވާ އުޅަނދުތަކުގެ ޑްރައިވިން ލައިސަންސަށް އަލަށް އެދޭ ފަރާތްތަކަށް މާދަމާއިން ފެށިގެން ކުރިއަށް އޮތް 14 ދުވަހަށް ހިދުމަތް ދިނުން ވަގުތީ ގޮތުން ހުއްޓާލަށް ނިންމާފައިވާ ކަަމަށެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް19 ރާއްޖެއިން ވެސް ފެނިފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އާންމުންނަށް ހިދުމަތްދޭ ގިނަ ތަންތަނުން އަންނަނީ އެތަންތަނުން ދޭ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް އިރުޝާދު ދެމުންނެވެ.

ކޮވިޑް19 އަށް ރާއްޖެ އިން މިހާތަނަށް 13 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. ރާއްޖެއިން ޕޮޒިޓިވްވި އެންމެންނަކީ ވެސް ބިދޭސީންނެވެ. ކޮވިޑް19 އާ ގުޅިގެން ރާއްޖެ ޔެލޯ އެލާޓުގައި އޮތްއިރު ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާނުކޮށްފައެވެ.