ޚަބަރު

ކޮވިޑް 19އާ ގުޅުވައިގެން ފައިނޭންޝަލް ފްރޯޑްގެ މައްސަލަތަކެއް، ސަމާލުވުމަށް އެދިއްޖެ

އަލީ ޔާމިން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅުވައިގެން ފައިނޭންޝަލް ފްރޯޑްގެ މަސައްކަތްތަކެއް ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށްދާތީ އެކަމަށް ސަމާލުވުމަށް އިންޓަނޭޝަނަލް ކްރިމިނަލް ޕޮލިސް އޯގަނައިޒޭޝަން (އިންޓަޕޯލް)އިން އެދިއްޖެއެވެ.

އިންޓަޕޯލުން ބުނީ ކޮވިޑް 19އާ ގުޅިގެން ރައްޔިތުންގެ އެތައް ބަޔަކު ކަންބޮޑުވުމެއްގައި އުޅެމުންދާ ދަނޑިވަޅެއްގައި ބައެއް ކުށްވެރިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް އެކިގޮތްގޮތަށް އިންޓަނެޓް މެދުވެރިކޮށް ފައިނޭންޝަލް ސްކޭމް ހިންގަމުންދާކަމަށް އިންޓަޕޯލުން ވަނީ އެ އޯގަނައިޒޭޝަންގެ ހުރިހާ މެންބަރު ގައުމުތަކަށް އަންގާފައި ކަމަށެވެ.

ސާޖިކަލް މާސްކާއި އެހެނިހެން ބޭސްފަރުވާގެ ޑިމާންޑް ބޮޑުވެ މި ތަކެތި ފިހާރަތަކުން ލިބުމުގައި ދަތި ދުވަސްވަރެއްގައި، އިންޓަނެޓް މެދުވެރިކޮށް ފޭކް ފިހާރަތަކާއި، ވެބްސައިޓްތަކާއި، ސޯޝަލް މީޑިއާ އެކައުންޓްތަކާއި އަދި މިފަދަ ތަކެތި ވިއްކާކަމަށް ދައުވާކުރާ އީ-މެއިލް އެޑްރެސްތައް މިދުވަސްވަރު އިތުރުވެފައިވާ ކަމަށާއި އާއްމުން އޮންލައިންކޮށް ގަންނަ މާސްކާއި އެހެނިހެން މެޑިކަލް ސަޕްލައިތައް ނުލިބި އެމީހުންގެ ފައިސާތައް އޮންލައިންކޮށް ކުށްވެރިންނަށް ގެއްލޭ މިންވަރު އިތުރުވެފައިވާކަން އިންޓަޕޯލުން ފާހަގަކޮށްފައިވެއެވެ.

ކޮވިޑް 19 ފްރޯޑް ސްކީމްތައް:
  • ފޯނު ފްރޯޑް : ކްލިނިކް ނުވަތަ ހޮސްޕިޓަލް އޮފިޝަލުންގެ ނަމުގައި ކުށްވެރިން މީހުންނަށް ފޯނުކޮށް އެމީހުންގެ އާއިލާ މެންބަރެއް މި ބަލީގެ ޝިކާރައަކަށްވެފައިވާ ކަމަށް ބުނެ އެމީހުންނަށް ފަރުވާކުރުމަށް ޕޭމަންޓް ހެދުމަށް ބުނުން.
  • ފިޝިން : ގައުމީ ނުވަތަ ބައިނަލްއަގުވާމީ ސިއްހީ މާހިރުންގެ ނަމުގައި މީހުންނަށް އީ-މެއިލްކޮށް، އެ އީ-މެއިލްގެ ޒަރިއްޔާއިން މީހުންގެ ޒާތީ މައުލޫމާތާއި ޕޭމަންޓް ޑީޓެއިލްސް ހޯދުން ނުވަތަ މަލްވެއާ ހިމެނޭ އެޓޭޗްމަންޓެއް ދީފައި އެ އެޓޭޗްމަންޓް ހުޅުވަން ބުނުން.

އޮންލައިންކޮށް އެއްޗެއް ގަތުމުގެ ކުރިން ސަމާލުކަން ދޭންވީ ކަންތައްތައް:

  • އެއްޗެއް އޮންލައިންކޮށް ގަތުމުގެ ކުރިން، އެ ތަކެތި ވިއްކާ ކުންފުނި ނުވަތަ މީހަކީ ސައްހަ ފަރާތެއްތޯ ބަލައި ވެރިފައި ކުރުން.
  • އެއްޗެއް ގަތުމުގެ ކުރިން އެ އެއްޗެއް ގަންނަނީ ސައްހަ ވެބްސައިޓެއް މެދުވެރިކޮށްތޯ ކަށަވަރުކުރެއްވުން. މިސާލަކަށް: abc.com ގެ ބަދަލުގައި abc.org ކުށްވެރިން ބޭނުންކޮށްފައި އެބަހުރި. ވީމާ، ވެބްސައިޓްގެ ސައްހަކަން ކަށަވަރުކުރުން.
  • އޮންލައިން ރިވިއުތައް ބެލުން. އެއްވެސް ކަސްޓަމަރަކު ގަތް ތަކެތި ނުލިބިގެން އެ ވާހަކަ ވެބްސައިޓުގައި ލިޔެފައިވާނަމަ އެ ވެބްސައިޓް ބޭނުން ނުކުރުން.
  • ކުންފުނި ހުރި ގައުމު ނޫން އެހެން ގައުމެއްގައި ހުރި ބޭންކް އެކައުންޓަކަށް ޓްރާންސެކްޝަން ހަދަން ބުނާނަމަ އެ ޕޭމަންޓް ނުހަދައި މިކަން ފުލުހުންގެ ސަމާލުކަމަށް ގެނައުން.
  • ފްރޯޑް ވިކްޓިމްއަކަށް ވެއްޖެކަމަށް ގަބޫލުކުރެވޭނަމަ ވީ އެންމެ އަވަހަކަށް ބޭންކަށް އެކަން އަންގަވައި އެ ޓްރާންސެކްޝަން ހުއްޓުވަން މަސައްކަތް ކުރުން.
  • ގޮތް ނޭނގޭ މީހުންނާއި އެކައުންޓްތަކުން ފޮނުވާފައި ހުންނަ ލިންކްތަކާއި އެޓޭޗްމަންޓްތައް ނުހުޅުވުން.
  • މެޑިކަލް އިކުއިޕްމަންޓްތައް ފޯރުކޮށްދޭކަމަށް ބުނެ ނުވަތަ މެޑިކަލް ޗެކްސް ހަދައިދޭނެކަމަށް ބުނެ އީ-މެއިލްގެ ޒަރިއްޔާއިން މީހުންގެ ޒާތީ މައުލޫމާތައް އެދޭނަމަ އެ އީ-މެއިލްތަކަށް އިޖާބަ ނުދިނުން. ސަބަބަކީ، ސައްހަ ސިއްހީ އިދާރާތަކުން ޕޭޝަންޓުންގެ މައުލޫމާތު ހޯދުމަށް އީ-މެއިލްގެ ޒަރިއްޔާއިން ބޭނުން ނުކުރާތީ.

އިންޓަޕޯލުން ވަނީ މި ދުވަސްވަރު އޮންލައިންކޮށް ތަކެތި ގަންނަ ނަމަ އެ ކުންފުންޏާއި ވެބްސައިޓްތަކަކީ ސައްހަ ވެއިބްސައިޓެއްތޯ ކަށަވަރުކުރުމަށް އިލްތިމާސްކޮށްފައެވެ.