ޚަބަރު

ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދުދީދީ އަށް މަޖިލީހުން ރުހުން ދީފި

އިބްރާހިމް ޒަކީ

މިނިސްޓަ އޮފް ޖެންޑަ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ މަގާމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު އައްޔަން ކުރެއްވި ހެންވޭރު ދޫރިހާ އާއިޝަތު މުހައްމަދުދީދީ އަށް ރުހުން އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޖެންޑާ މިނިސްޓަރު ކަމުގެ މަގާމަށް އާއިޝަތު މުހައްމަދު ދީދީ އައްޔަން ކުރެއްވީ ހުސްވި ފެބްރުއަރީމަހުގެ ނުވަ ވަނަ ދުވަހު އެވެ. އެއަށްފަހު މަޖިލީހުގެ ރުހުން ހޯއްދެވުމަށް އާއިޝަތު މުހައްމަދު ދީދީގެ ނަން ރައީސް މަޖިލީހަށް ފޮނުއްވުމުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން އެނަން ދިރާސާކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅިއެވެ.

އާއިޝަތު މުހައްމަދު ދީދީއަށް މަޖިލީހުގެ ރުހުން އޮތް ކަމަށް މިއަދުގެ ޖަލްސާއިން ފާސްކުރީ، ޖަލްސާގައި ތިއްބެވި 70 މެންބަރުންގެ ތެރެއިން 68 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އާއިޝަތު މުހައްމަދު ދީދީ ޖެންޑާ މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރެއްވީ، މީގެ ކުރިން އެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފް ހުސްވި ފެބްރުއަރީމަހުގެ ހަވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޖެންޑާ މިނިސްޓަރު ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އާއިޝަތު މުހައްމަދު ދީދީ ހުންނެވީ އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރުގެ މަގާމުގައެވެ.

މީގެ ކުރިން 2005 އިން ފެށިގެން 2008 ވަނަ އަހަރުގެ ނިޔަލަށް ވެސް އާއިޝަތު މުހައްމަދު ދީދީ ވަނީ މިނިސްޓަ އޮފް ޖެންޑާ އެންޑް ފެމިލީގެ މަގާމު ފުރުއްވާފައެވެ.

ރައީސް އޮފީހުން ބުނެފައިވަނީ އެކަމަނާއަކީ އިޖުތިމާއީ ދާއިރާއިން ގިނަ އަހަރުތަކެއް ވަންދެން ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ. އެގޮތުން އެކަމަނާ ވަނީ ތައުލީމު، ކުޑަކުދިން އަދި އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ހިލޭ ސާބަހަށް ވަކާލާތު ކުރައްވާފައި ކަމަށް ރައީސްއޮފީހުން ބުނެފައިވެއެވެ.

މީގެ އިތުރުން އަލަށް ޖެންޑާ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އައިޝަތު މުހައްމަދު ދީދީ ވަނީ ޖެންޑާ އީކުއަލިޓީ ކައުންސިލްގެ ޗެއާޕާސަންކަމުގެ މަގާމާއި، އދ ގެ ޓާސްކް ފޯސް އޮން ޖެންޑާ ގެ މެންބަރުކަމާއި، އދ ގެ ޓާސްކް ފޯސް އޮން ޔޫތު އެންޑް އެޑޮލެސެންޓްސްގެ މެންބަރުކަމާއި، ޗިލްޑްރަންސް ހޯމް ގަވަނިން ބޯޑުގެ ޗެއާޕާސަންކަމުގެ މަގާމުގެ އިތުރުން ކައުންސިލް ފޯ ދި ރައިޓްސް އޮފް ޗިލްޑްރަންގެ ޗެއާޕާސަންކަމުގެ މަގާމު އަދި ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަންގެ މެންބަރުކަން އަދާ ކުރައްވާފައެވެ.

ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަނީ އިނގިރޭސިވިލާތުން މާސްޓާ އޮފް އާޓްސް ހާސިލްކުރައްވާފައެވެ. އަދި ލުބުނާނުން ބެޗެލާ އޮފް އާޓް އަދި ޑިޕްލޮމާ އިން ޓީޗިން ހާސިލް ކުރައްވައިފައެވެ.