ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 ދިވެހިރާއްޖޭގައި ވެސް ފެތުރެމުންދިއުމާ ގުޅިގެން، ސަފާރީތަކުގެ ކުންޏާއި އާންމު ކުނި އެއްކޮށްގެން ގެނައުމާއި، އަމިއްލަ އެއްގަމު އުޅަނދު ގެންގުޅޭ ފަރާތްތަކުން ސަފާރީ އުޅަނދު ފަހަރުގެ ކުނި ވެމްކޯގެ އެއްވެސް ސައިޓަކަށް ގެންދިއުމަކީ މަނާ ކަމެއް ކަމުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހަމަޖައްސައިފި އެވެ.
އެ ކޯޕަރޭޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކޮވިޑް19 އާ ގުޅިގެން މުވައްޒަފުންނާއި އާންމު ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ތަފާތު ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.
ވެމްކޯއިން ބުނީ ކަސްޓަމަރުން ވެމްކޯގެ ސައިޓްތަކަށް ގެންދާ ކުނީގެ ތެރޭގައި ސަފާރީ އުޅަނދުފަހަރުން ގެންދާ ކުނި ހިމެނޭކަން ފާހަގަކުރެވިފައިވާތީ، ސަފާރީތަކުގެ ކުންޏާއި އާންމު ކުނި އެއްކޮށްގެން ގެންދިމާއި، އަމިއްލަ އެއްގަމު އުޅަނދު ގެންގުޅޭ ފަރާތްތަކުން ސަފާރީ އުޅަނދު ފަހަރުގެ ކުނި ވެމްކޯގެ އެއްވެސް ސައިޓަކަށް ގެންދިއުމަކީ މަނާ ކަމެއް ކަމަށެވެ.
ވެމްކޯއިން ބުނީ ސަފާރީ އުޅަނދުފަހަރުން ހުޅުމާލެ ސައިޓަށް ކުނި ގެންދާ ނަމަ ވެމްކޯގެ ސައިޓް ސުޕަވައިޒަރުގެ ނަންބަރު 7871666 އާ ގުޅުމަށް އެދޭ ކަމަށެވެ. އަދި އެކޯޕަރޭޝަނުގެ ލަފަޔާއި އިރުޝާދުގެ ދަށުން ކުނި ގެންދިއުމަށް ވެސް އިލްތިމާސް ކުރާކަމަށެވެ. މިގޮތަށް ގެންދެވޭ ކުނި ހުންނަންވާނީ ކޮތަޅަށް ލައި، ރަނގަޅަށް ބަންދު ކޮށްފައި ކަަމަށާއި ބަންދު ނުކޮށް ގެންދާ ކުނި އެ ކޯޕަރޭޝަނުގެ ސައިޓުން ބަލައިނުގަތުމަށް ނިންމާފައިވާ ކަމަށް ވެސް ވެމްކޯއިން ވަނީ ބުނެފައެވެ.
ސަފާރީ ތަކުން ގެންދާ ކުނި މިނޫން ގޮތަކަށް ގެންދިއުން މިވަގުތަށް ރައްކާތެރި ކަމަކަށް ނުވާތީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މި އުސޫލަށް އަމަލުކުރުމަށް ވެމްކޯއިން ވަނީ ކަސްޓަމަރުންގެ ފަރާތުން އެދިފައެވެ. އަދި އެގޮތަށް އަމަލުނުކުރާ ފަރާތްތައް ފާހަގަ ކުރެވިއްޖެނަމަ، އެފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ވެމްކޯއިން ވަނީ ބުނެފައެވެ.