ޑިސްއިންފެކްޓް ކުރުމަށް (ޖަރާސީމު ނައްތައިލުމަށް/ސާފުކުރުމަށް) މާގިރި ހޮޓާ ވަގުތީ ގޮތުން ބަންދުކުރުމަށް ފަހު މިއަދު އަލުން ހުޅުވައިފިއެވެ.
މިކަން ހާމަކޮށް މާގިރި ހޮޓަލުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އެ ހޮޓަލުން ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން ހޮޓާ ހުލުވާލައިފައިވާ ކަމަށެވެ.
ޑިސްއިންފެކްޓް ކުރުމަށް މާގިރި ހޮޓާ ބަންދު ކުރީ މިމަހުގެ 10 ވަނަ ދުވަހުގައެވެ. އެ ހޮޓާ ބަންދު ކުރީ ޅ. ކުރެއްދޫން ފުރައިގެން ދިޔަ ފަހުން ކޮވިޑް 19 ޖެހިފައި ހުރިކަން އެނގުނު އިޓަލީ ފަތުރުވެރިޔާ މާގިރި ހޮޓަލުގައި މަޑުކޮށްފައިވާތީ ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުންނެވެ.
ކުރެއްދޫ ރިސޯޓުން ފުރައިގެން ދިޔަ ފަހުން ކޮވިޑް 19 ޖެހިފައިވާކަން އެނގުނު އިޓަލީ ފަތުރުވެރިޔާ ދެ ދުވަހު މާލޭގައި ހުރި ކަމަށާއި އޭނާ ހުރީ މާގިރި ހޮޓަލުގައިކަން ޔަގީން ކުރެވިފައިވާ ކަމަށް ސަރުކާރުންވަނީ މީގެ ކުރިން ބުނެފައެވެ.
އެ ފަތުރުވެރިޔާއާ ކޮންޓެކްޓްވި ހޮޓަލުގެ 15 މުވައްޒަފަކު އެކަހެރިކޮށްފައިވާ ކަމަށް ވެސް މީގެ ކުރިން ސަރުކާރުން ބުނެފައިވެއެވެ. ރާއްޖެއިން މިހާތަނަށް ވަނީ 13 މީހަކު ކޮވިޑް 19އަށް ޕޮޒިޓިވް ވެފައެވެ.