ޚަބަރު

އެމްޓީސީސީގެ ފެރީ އަދި ބަސްތަކުން ދަތުރުކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށް ހާއްސަ ފިޔަވަޅުތަކެއް އަޅައިފި

އައިދާ އަބްދުލް ހަކީމް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ފެރީ އަދި ބަސްތަކުން ދަތުރުކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށް ހާއްސަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

އެމްޓީސީސީން މިއަދު ކުރި ޓުވީޓެއްގައި ބުނީ މިހާރު ފެތުރެމުންދާ ކޮވިޑް19 އާއި ގުޅިގެން އެޗްޕީއޭ އިން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާތީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އަދި އެބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި، އެކުންފުނީގެ ދަތުރުފަތުރު ކުރާ ވަސީލަތްތަކުގެ ހިދުމަތް މެދުވެރިކޮށް ހުޅުލެއަށް ދަތުރުކުރާ އަދި އަންނަ ޓޫރިސްޓުންގެ ޓްރެވަލް ޑޮކިއުމަންޓުގެ އިތުރުން ޓިކެޓާއި ޕާސްޕޯޓް ޗެކުރަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްތަކަށް، އެކްސްކާޝަންތަކަށް މިދުވަސްވަރު ނުދިއުމަށް އަންގާފައިވާތީ އެކުންފުނީގެ ފެރީ ތަކުން ދެމުން އަންނަ ހިދުމަތްތައް މިދުވަސްވަރު މަޑުޖައްސާލާފައިވާ ކަމަށެވެ.

ކޮވިޑް19 އާއި ގުޅިގެން އެޗްޕީއޭއިން ދާދި ފަހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެކްސްކާޝަންގެ ގޮތުގައި އެއްވެސް ތަނަކުން (ރިސޯޓުތަކުން، ސަފާރީތަކުން، ގެސްޓްހައުސްތަކުން) މާލެ ސަރަހަދަށް (މާލެ، ހުޅުމާލެ، ވިލިމާލެ) މީހުން އައުމާއި ދިއުން މިމަހުގެ 13 ވަނަ ދުވަހު ފެށިގެން ދިހަ ދުވަހުގެ މުއްދަތަށް ހުއްޓާލުމަށް އަންގާ ކަމަށެވެ.

އެކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކާއި ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި ސަފާރީތައް އޮޕަރޭޓުކުރާ ފަރާތްތަކާއި އެކްސްކާޝަން ރާވައި ހިންގާ އެހެނިހެން ފަރާތްތަކުން ވެސް އެ އެންގުމަށް އަމަލުކުރުމަށް ދަންނަވާ ކަމަށް ވެސް އެޗްޕީއޭގެ ބަޔާނުގައި ވަނީ ބުނެފައިވެއެވެ.