ހުސެއިން އަލީ
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ސަބަބުން އެމެރިކާގެ އިގްތިސޯދަށް ވާނެ ގެއްލުން ފޫބެއްދުމަށްޓަކައި އެ ގައުމުގެ އިންޓަރެސްޓް ރޭޓް ސުމަކާ ގާތްގޮތް 700 ބިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕްރޮގްރާމެއް ފައްޓައިފި އެވެ.
މިއީ އެމެރިކާ، ޔޫރަޕް، ޖަޕާން، ސްވިޒަލޭންޑް އަދި ކެނެޑާއިން ގުޅިގެން ކުރިޔަށްގެންދާ މަސައްކަތެކެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމެރިކާގެ ފެޑެރަލް ރިސާވްގެ ޗެއާމަން ޖެރޯމް ޕަވެލް ވިދާޅުވީ ކޮރޯނާވައިރަހުގެ ސަބަބުން އެމެރިކާގެ އިގްތިސޯދަށް މިހާރުވެސް ވަރަށް ބޮޑެތި ގެއްލުންތައް ކުރިމަތިވަމުންދާ ކަމަށެވެ.
ފެޑެރަލް ރިސާވުން މިހާރު ވަނީ އިންޓަރެސްޓް ރޭޓް ސުމެއް އިންސައްތަ އާއި 0.5 އިންސައްތައިގެ މެދުމިނަކަށް ތިރިކޮށްފައެވެ. އަދި ބޮންޑު ގަންނަން ފައްޓާނެ ކަމަށް ވެސް ވަނީ އިއުލާނުކޮށްފައެވެ. މީގެ ސަބަބުން ސީދާ އިގްތިސޯދަށް އިތުރު ޑޮލަރު ވަންނާނެ ކަމަށް އެމެރިކާ ސަރުކާރުން ބުނެއެވެ.
މިއީ 2008 ވަނަ އަހަރުގެ މާލީ ހީނަރުކަމުގެ ފަހުން ޝެޑިއުލް މީޓިންނަކާ ނުލައި އިންޓަރެސްޓް ރޭޓް ތިރިކުރި ފުރަތަމަ ފަހަރުކަންވެސް އެމެރިކާއިން ފާހަގަ ކުރެއެވެ.
އެމެރިކާގެ ސްޓޮކް މާކެޓް މިދުވަސްވަރު ދަނީ ވަރަށް ބޮޑަށް ވެއްޓެމުންނެވެ. ލިބިދާނެ ގެއްލުންތައް ފޫބައްދަން ހާއްސަ މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް މިއަދު އެމެރިކާގް ސްޓޮކް ފިއުޗަރ ވަނީ ހަތަަރެއް އިންސައްތަ ދަށަށް ޖެހިފައެވެ. މިއީ ޓްރޭޑިން ފަށާއިރު ސްޓޮކް އަގު މަތިވާނެތޯ ނުވަތަ ތިރިވާނެތޯ ލަފާކުރުމަށް ބޭނުންކުރާ އަންދާޒާއެކެވެ.