އާމްދަނީން ނަގާ ޓެކުހަށް ރަޖިސްޓަރީ ކުރުމުގެ މުއްދަތު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން އިތުރުކޮށްފިއެވެ.
މީރާއިން ބުނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު ނެރެފައިވާ ސާކިއުލާގައި ގާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު)ގެ ދަށުން ރަޖިސްޓަރީކުރަން ޖެހޭ ފަރާތްތައް ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާ ހުށަޙެޅުންތައް ޖޫރިމަނާއަކާ ނުލައި ބަލައިގަތުމަށް އިއްޔެގެ ނިޔަލަށް ދީފައިވާ މުއްދަތު މިމަހު 31ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
އެ މުއްދަތު އިތުރުކުރީ ކޮވިޑް 19 ފެތުރެމުންދާތީ ރަޖިސްޓަރީ ކުރަން ޖެހޭ ފަރާތްތަކަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށް މީރާއިން ބުނެއެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާނީ 117 MIRA (އާމްދަނީން ނަގާ ޓެކުހަށް ރަޖިސްޓަރީ ކުރުން) ފޯމު ކަމަށާއި އުޖޫރަ ދޭ ފަރާތްތަކުން، އެ ފަރާތުން އުޖޫރަ ދޭ މީހުން އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަށް އެދި ހުށަހަޅާނީ 118 MIRA (އުޖޫރަ ލިބޭ މީހާ ރަޖިސްޓަރީ ކުރާ) ފޯމުކަމަށްވެސް މީރާއިން ބުނެއެވެ.
ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ފޯމާއި ފޯމު ފުރިހަމަ ކުރާނެ ގޮތުގެ ގައިޑު މީރާގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
މީރާއިން ބުނީ އިންކަމް ޓެކުހުގެ ގާނޫނުގެ ދަށުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މުވައްޒަފުންގެ އުޖޫރައިން ޓެކްސް ނެގުމަށް ހަމަޖެހިފައިވާތީ މިކަމާ ގުޅޭ ގޮތުން ވާން ޖެހޭ ތައްޔާރީތައް ވުމަށް އިލްތިމާސް ކުރާކަމަށެވެ.