ޚަބަރު

ކޮވިޑް 19 : އިގުތިސާދަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ރިލީފް ފަންޑެއް އުފައްދަންޖެހޭ: ރައީސް

އަލީ ޔާމިން

ކޮރޯނާވައިރަސްގެ ސަބަބުން ސާކްގެ ގައުމުތަކުގެ އިގުތިދާސަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ރިލީފް ފަންޑެއް އުފައްދަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އިސްނެންގެވުމަށް މިއަދު ކުރިއަށް ދިޔަ، ސާކް ގައުމުތަކުގެ ވީޑިއޯ ޓެލެކޮންފަރެންސްގައި ދިވެހިރާއްޖޭގެ ފަރާތުން ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ، ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ސަބަބުން ސާކްގެ ގައުމުތަކުގެ އިގްތިސާދަށް ވަމުންދާ ގެއްލުން ބޮޑު ކަމަށާއި، ވައިރަހުގެ ސަބަބުން ސާކްގެ ގައުމުތަކުގެ އިގުތިދާސަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ރިލީފް ފަންޑެއް އުފައްދުން މުހިންމު ކަމަށެވެ. އަދި އެފަދަ ފަންޑެއްގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ވަމުންދާ ގެއްލުން ކުޑަކުރުމަށް ބަޖެޓް ސަޕޯޓެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކޮރޯނާވައިރަހުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް މިހާރުވެސް ލޮޅުން އަރާފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރާ ޗައިނާ އަދި ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރާ އިޓަލީން ރާއްޖެއަށް ފަތުރުވެރިން އައުން ވަގުތީގޮތުން ހުއްޓުވާފައިވުމުން މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު މަދުވަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން ސަބަބުން ރާއްޖެއަށް "ފޮރިން ކަރަންސީ"ގެ ޝޯޓޭޖެން ކުރިމަތިވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، މިއަހަރު ތެރޭ ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިން މިހާރު ލަފާކުރެވޭ އަދަދަށް މަދުވެއްޖެ ނަމަ 135.9 މިލިއަން ޑޮލަރާއި 446.6 މިލިއަން ޑޮލަރުގެ ގެއްލުމެއް ރާއްޖޭގެ އިގުތިސާދަށް ލިބޭނެ ކަމަށާއި މިފަދަ ކަންކަމުން އަރައިގަނެވޭނީ ހުރިހާ ގައުމަކުން އެކި މަސައްކަތްކޮށްގެން ކަމަށެވެ.

ކޮރޯނާވައިރަސްގެ ސަބަބުން ސާކްގެ ގައުމުތަކުގެ އިގުތިދާސަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ރިލީފް ފަންޑެއް އުފައްދަން ޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާ އިރު، އިންޑިއާގެ ދިހަ މިލިއަން ޑޮލަރުގެ އެހީއާއެކު ސާކް އެމަޖެންސީ ފަންޑެއް އުފައްދަން އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިއަދު ވަނީ ސާކްގެ ގައުމުތަކަށް ހުށަހަޅުއްވައިފައެވެ.