ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި ދެ ބިދޭސީއަކު ފެނިގެން ފޯ ސީޒަން ލަނޑާގިރާވަރު ރިސޯޓު މޮނީޓަރިން ހާލަތަށް ގެންގޮސްފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ލަނޑާގިރާވަރު ރިސޯޓުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެ ރިސޯޓު އޮންނާނީ މޮނީޓަރިންގެ ހާލަތުގައި ކަމަށެވެ.
"ފޯ ސީޒަން ލަނޑާގިރާވަރުން ދެ ބިދޭސީއަކު ސިމްޕްޓަމެޓިކްވެގެން މިހާރު އައިސޮލޭޝަންގައި ތިބީ. ސާމްޕަލްސް ވަނީ ނެގިފައި. ލަނޑާގިރާވަރު އޮތީ މޮނީޓަރިންގެ ހާލަތުގައި. އެއީ ކޮންޓެކްޓް ޓްރޭސިން ހަދައި ނިންމުމަށްޓަކަައި،" އޭނާ ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ މީރު އައިލެންޑް ރިސޯޓުގައި އަދިވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށްދާތީ އެ ރިސޯޓު އަދިވެސް އޮތީ މޮނީޓަރިންގެ ހާލަތުގައި ކަމަށާއި މިދިޔަ ހުކުރު ދުވަހު ޝެރަޓަން ރިސޯޓުން ނެގި ސާމްޕަލް ޑަބަލް ނެގަޓިވްވުމުން އެ ރިސޯޓު މިހާރު އާންމު ހާލަތަށް ގެނެވިފައިވާ ކަމަށެވެ.
ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި 13 މީހަކު ވަނީ ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.
ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު މިނިސްޓަރު އަބްދުﷲ އަމީން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާންކުރައްވާފައިވަނީ 30 ދުވަހަށެވެ.