އަލީ ޔާމިން
ކޮވިޑް 19 ޖެހިގެން ދަރުވަމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް-11ގައި ފަރުވާދެމުން އަންނަ އުމުރުން 70 އަހަރުގެ ފިރިހެން މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ އައިޖީއެމްއެޗްގެ ޑޮކްޓަރ މޫސާ ހުސައިން ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލަށް ގެނައި އިރު ވެސް އޭނާއަށް ވަނީ ނިއުމޯނިއާ ޖެހިފައި ކަމަށާއި ނަމަވެސް ދެވުނު ފަރުވާތަކުގެ ސަބަބުން ބަލި ހާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ.
"މިކޮޅުގައި މި ދިން ޓްރީޓްމެންޓަކީ މިކަމުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިހާރު ރިސާޗްގެ ގޮތުގައި ސްޕެޝިއަލް ޓްރީޓުމެންޓެއް ނެތަސް ދެމުންގެންދާ އެންޓިވައިރަލް ސްޓޭންޑާޑް ޓްރީޓްމަންޓް." ޑރ. މޫސާ ވިދާޅުވިއެވެ.
ޑރ. މޫސާ ވިދާޅުވީ، ފުރަތަމަ ދެ ދުވަހު ބަލިމީހާއަށް އޮކްސިޖަން ދޭން ޖެހޭ މިންވަރު އިތުރުވިނަމަވެސް ފާއިތުވި ދެ ދުވަހު އިތުރަށް އޮކްސިޖަން ނުދިނަސް އޮކްސިޖަން ހިފާއްޓާ ކަމަށާއި ހުންވެސް ނާންނަ ކަމަށެވެ.
"ﷲގެ އިރާދަފުޅުން މިހާރު މި ދިޔަ ދެ ދުވަހަކުގެ ތެރޭގައި ހުން ކޮންޓިނިއުސް ކޮށެއް ނާދޭ. އޮކްސިޖަން ދޭން ޖެހޭ ވަރަކަށް އިތުރަކަށް ދޭކަށް ނުޖެހޭ. އެހެންކަމުން ބުނަން ބޭނުންވަނީ މިވަގުތި ބަލި މީހާގެ ހާލު ސްޓޭބަލްއޭ." ޑރ. މޫސާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ.މޫސާ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި މިވަގުތު ތިބީ ހަތަރު މީހުން ކަމަށެވެ. އޭގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވެގެން ބައިތިއްބާފައި ވަނީ ދެ މީހުން ކަމަށާއި އަނެއް ދެ މީހުން އެޑްމިޓްކޮށްފައި ތިބީ ކޮވިޑް 19އަށް ޓެސްޓް ކުރުމުން ނެގެޓިވްވުމުން އެކަން ކަށަވަރުކުރުމަށް ދެވަނަ ފަހަރަށް ޓެސްޓް ކުރުމަށް ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް 13 މީހަކު ވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވެފައެވެ.