ޚަބަރު

އެކްސަސައިޒް "ޖައްރާފާ 2018" މާދަމާ ފަށަނީ

މުހައްމަދު އައުޒަމް

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރ އެކްސަސައިޒް "ޖައްރާފާ 2018" މާދަމާ ފަށާގޮތަށް ހަމަޖައްސައިފިއެވެ.

މާދަމާ އިރުއޮއްސި 6:00 އިން ފެށިގެން ހުކުރު ދުވަހުގެ އިރުއޮއްސި 06:00އާ ހަމަޔަށް ކުރިއަށްގެންދާ މި ހަރަކާތަކީ ސިފައިންގެ ގާނޫނާއި ގަވައިދު ތަކުން ފަޔަރ އެންޑް ރެސްކިޔު ސާރވިސްއަށް މަތިކޮށްފައިވާ ޒިންމާ އާއި މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭނެ ގޮތްތައް ފަރިތަކުރުމަށް ބާއްވާ ހަރަކާތެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

"ޖައްރާފާ 2018"ގައި މާލެ، ހުޅުމާލެ، ވިލިނގިލި، އަދި ތިލަފުށީގެ އިތުރުން މާލެ ކައިރި ކަނޑުގެ ސަރަހައްދުގައި ހިނގާ ރެސްކިއު ހާދިސާތަކުގައި އެމްއެންޑީއެފް ޔުނިޓް ތަކާއި ގުޅިގެން މަސައްކަތް ކުރާނެ ގޮތް ފަރިތަ ކުރެވޭނެެ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މި ހަރަކާތުގައި ހަނި އުނދަގޫ ތަންތަނުގައި އަލިފާނުގެ ހާދިސާގައި މަސައްކަތްކުރާނެ ގޮތްތަކާ ކަނޑުމަތީގައި ހިނގާ އަލިފާން އަދި ރެސްކިއު ހާދިސާގައި މަސައްކަތް ކުރާނެ ގޮތްތަކާ ކެމިކަލް ހާދިސާ ތަކުގައި މަސައްކަތްކުރާނެ ގޮތްތައް ފަރިތަކުރެވޭނެއެވެ. އަދި މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތަކުގައި މީހުންނަށް ލިބޭ ގެއްލުމުގައި ހަރަކާތްތެރިވާނެ ގޮތްތަކާ އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި ހަރަކާތްތެރިވާނެ ގޮތްތަކާ އިމާރާތްތަކުގައި ރޭގަނޑު ހިނގާ އަލިފާނުގެ ހާދިސާތަކާއި އަދި ރެސްކިއު ހާދިސާތަކުގައި މަސައްކަތްކުރާނެ ގޮތްތައް ވެސް ފަރިތަކުރުމަށް ވަނީ ހަމަޖައްސައިފަ އެވެ.

އެކްސަސައިޒް "ޖައްރާފާ 2018" ކުރިއަށް ގެންދަނީ އެމްއެންޑީއެފްގެ ޔުނިޓްތަކުގެ އިތުރުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ އޭޑީކޭ ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލްގެ އިތުރުން މޯލްޑިވްސް ރެޑްކްރެސެންޓް ގުޅިގެންނެވެ.