އައިލެންޑް ސަފާރީ 1 އިން ކޮވިޑް 19އަށް ޕޮޒިޓިވްވި ދެ ފަތުރުވެރިން ކަރަންޓީން ކުރާނީ ލ. އަތޮޅުގައި ހުންނަ ކަރަންޓީން ފެސިލިޓީގައި ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވި، ޕޮޒިޓިވްވި ދެ ފަތުރުވެރިންނާއެކު އެ ސަފާރީ މިހާރު ލާމު އަތޮޅަށް ދަތުރުކުރަމުން އަންނަ ކަމަށެވެ. އަދި ލާމު އަތޮޅުން އެ ދެ ފަތުރުވެރިން ކަރަންޓީން ކުރެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، އެ ސަފާރީ މިވަގުތުވެސް އޮތީ މޮނީޓަރިންގެ ހާލަތުގައި ކަމަށާއި ޕޮޒިޓިވްވި ދެ މީހުން ލާމަށް ބޭލުމަށް ފަހު އޭގައި ތިބި 30 މީހުން މާލެ ގެނެސް ފަރުކޮޅުފުށީގައި އެކަހެރިކުރެވޭނެ ކަމަށެވެ.
އައިލެންޑް ސަފާރީގައި ތިބީ 16 ފަޅުވެރިންގެ އިތުރުން 16 ފަތުރުވެރިއެކެވެ.
މީގެ އިތުރުން މަބްރޫން ވިދާޅުވީ، އައިލެންޑް ސަފާރީ ތެޔޮ އެޅުމަށްޓަކައި ގއ. ވިލިނގިއްޔަށް ބަނދަރުކުރި ކަމަށާއި ނަމަވެސް އެ ސަފާރީން އެއްވެސް މީހަކު އެ ރަށަށް ފައިބައިފައި ނުވާކަމުގެ ޔަގީންކަން ފުލުހުން އަރުވާ ކަމަށެވެ. އަދި އެ ސަފާރީއަށް ކާބޯތަކެތި ފޯރުކޮށްދިނުމަށްވެސް ހަރަކާތްތެރިވީ ފުލުހުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، އެ ސަފާރީން ފުވައްމުލަކަށް މީހުން ފޭބިކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނާތީ އެކަންވެސް ކަށަވަރުކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.
ރާއްޖެއިން މިހާތަނަށް ވަނީ 13 މީހަކު ކޮވިޑް 19އަށް ޕޮޒިޓިވްވެފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.