ކޮވިޑް 19އަށް ޕޮޒިޓިވް ދެ މީހެއްގެ އިތުރުން މި ބައްޔަށް ޝައްކު ކުރެވޭ ދެ މީހަކަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އައިޖީއެމްއެޗްގެ ޑޮކްޓަރު މޫސާ މުހައްމަދު ވިދާޅުވީ، ރޭގެ ވަގުތެއްގައި ދެމަފިރިއަކު ދަރުމަވަންތައަށް ގެންގޮސް ކޮވިޑް 19އަށް ޓެސްޓްކޮށްފައިވާ ކަމަށެވެ.
ޑރ. މޫސާ ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ކޮވިޑް 19އަށް ޓެސްޓު ކުރި އިތުރު ދެމީހުންނަކީވެސް ދެމެފިރިން ކަމަށާއި އެމީހުން ހެދި ފުރަތަމަ ޓެސްޓުން ކޮވިޑް 19އަށް ނެގެޓިވްވެފައިވާ ކަމަށެވެ. ނަމަވެސް އިތުރަށް ކަށަވަރުކުރުމަށްޓަކައި ދެވަނަ ޓެސްޓެއް ހެދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. މޫސާ ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11ގައި ފަރުވާ ދެމުން އަންނަ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ އުމުރުން 70 އަހަރުގެ ފިރިހެން މީހާގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި އޭނާއާއެކު ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އޭނާގެ އަންހެނުންގެ ހާލުވެސް ރަނގަޅުކަމަށް ޑރ. މޫސާ ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް ވަނީ 13 މީހަކު ކޮވިޑް 19އަށް ޕޮޒިޓިވްވެފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.