ޚަބަރު

ކޮވިޑް 19 : ކުއްލި ހާލަތާ ގުޅިގެން 212 މިލިއަން ރުފިޔާގެ ކޮންޓިންޖެންސީ ބަޖެޓެއް ކަނޑައަޅައިފި

އާންމު ސިއްހަތުގެ ކުއްލި ހާލަތާ ގުޅިގެން 212 މިލިއަން ރުފިޔާގެ ކޮންޓިންޖެންސީ ބަޖެޓެއް ކަނޑައަޅައިފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ކުއްލި ހާލަތާ ގުޅިގެން ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ 212 މިލިއަން ރުފިޔާއަކީ ކުރިން ވެސް ކޮންޓިންޖެންސީގެ ގޮތުގައި ބަޖެޓްކޮށްފައިވާ ފައިސާ ކަމަށެވެ.

"212 މިލިއަން ރުފިޔާ ކުއްލި ހާލަތާ ގުޅިގެން ވަނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައި. އެ ފައިސާއަކީ ކުރިން ވެސް އަޅުގަނޑުމެން ބަޖެޓް ކޮށްފައި އޮތް އިރު، ކޮންޓެންޖެންސީގެ ގޮތުގައި ޖެހިފައި އޮންނަ ކޯޑުގެ ތެރެއިން ނެގޭ 212 މިލިއަން ރުފިޔާ. މީގައި ނުހިމެނޭ ރާއްޖެއިން ބޭރުން ލިބޭ އިތުރު ހިލޭ އެހީއެއް،" އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި 13 މީހަކު ވަނީ ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.

ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު މިނިސްޓަރު އަބްދުﷲ އަމީން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާންކުރައްވާފައިވަނީ 30 ދުވަހަށެވެ.