ޚަބަރު

ކޮވިޑް 19 : ގަތަރު އެއާވޭސްގެ ފްލައިޓަކުން ރާއްޖެ އައި 12 މީހަކު އެކަހެރިކޮށްފި

އަލީ ޔާމިން

ގަތަރު އެއާވޭސްގެ ފްލައިޓަކުން މިއަދު ރާއްޖެ އައި ކޮވިޑް 19ގެ އަލާމާތްތައް ފެނިގެން އެކަހެރި ކުރި ދިވެހި މީހާއާ ކޮންޓެކްޓްވުމުގެ ސަަބަބުން އެ ފުލައިޓުން އައި 12 މީހަކު އެކަހެރިކޮށްފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަ މަންދޫބު މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވީ، ގަތަރު އެއާލައިންގެ އެ ފްލައިޓް ރާއްޖެ ޖައްސާފައިވަނީ މިއަދު މެންދުރުފަހު 3:15 ހާއިރު ކަމަށެވެ. އެ ފެލައިޓުން އައި ދިވެއްސެއްގެ ފަރާތުން ކޮވިޑް 19ގެ އަލާމާތްތައް ފެނުމުން އޭނާ ފަރުކޮޅުފުއްޓަށް ގެނެސް، އެ ފްލައިޓް މޮނިޓަރިން ހާލަތައް ގެނެވުނު ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، އެ ދިވެހި މީހާއާ ކޮންޓެކްޓްވި 12 ފަރާތެއް ވަނީ އެހަކެރިކުރެވިފައި ކަމަށާއި އޭނާއަކީ ސްޕެއިނުން އައި ދިވެއްސެއް ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިން ހެދުމަށް ފަހު އެ 12 ފަރާތް ފިޔަވައި ފްލައިޓުގައި ދެން ތިބި ފަރާތްތައް ދޫކޮށްލާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، އަލާމާތްތައް ފެނިފައިވާ ދިވެހި މީހާއަކީ ސްޕެއިނުން ނުކުތްތާ 14 ދުވަސްވެއިވާ މީހެއް ނޫން ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ވަނީ ކޮވިޑް 13 މީހަކު ކޮވިޑް 19އަށް ޕޮޒިޓިވްވެފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.