މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ބަސް މަޑުކުރާ ތަންތައް އިތުރުކޮށް އެންމެ ލަސްވެގެން މި ހަފުތާގެ ތެރޭގައި އެ ހިދުމަތް ދޭން ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ބަސް ސްޓޮޕްތައް އިތުރު ކުރުމުގެ މަސައްކަތަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގައި ކުރެއްވުމަށް ކަނޑައަޅާފައިވާ މަސައްކަތްތަކުގެ ތެރެއިން ފުރަތަަމަ 30 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަސައްކަތެއް ކަމަށެވެ.
އެ ބައްދަލުމުގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ރަފީއު ވިދާޅުވީ މިހާރު އޮންނަ ގޮތުން ހުޅުމާލެއަށް ދާ ފަރާތްތަކަށް ދަތިވާ ކަމަށެވެ.
"މިހާރު އެ ބަސް ހަމައެކަނި ދަތުރުކުރަނީ ހުޅުމާލެ އެންޓްރެންސްއާ ހަމައަށް. އެހެންވީމަ ދެން ހުޅުމާލެއަށް ދަތުރުކުރާ ކޮންމެ މީހަކު އަލުން ނެއިބަރހުޑް ބަހެއް ނަގައިގެން ނޫނީ ހުޅުމާލެތެރެއަކަށް ނުދެވޭ،" އޭނާ ވިދާޅުވިއެވެ.
އެހެން ކަމުން ހުޅުމާލޭގައި އިތުރު ފަސް ވަރަަކަށް ބަސް ސްޓޮޕް ބަހައްޓަން ނިންމައި މި ހަފުތާ ބަންދުގެ ކުރީން އެ ހިދުމަތް ދޭން ފެށޭނެ ކަމަށް ރަފީއު ވިދާޅުވިއެވެ.
އެ ބަސް ސްޓޮޕްތައް ބަހައްޓާފައި ހުންނާނީ ހުޅުމާލޭގެ ފެރީ ޓާމިނަލް އިން ފެށިގެން އިއްޒުއްދީން މަގާ ހަމައަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ ބަހުގެ ހިދުމަތް ފެށުމުގެ ޕްލޭން ވަނީ މިހާރު ނިމިފައި ކަމަށާއި ދެން ކުރިއަށް އޮތީ އެ ޕްލޭން އިމްޕްލިމެންޓް ކުރުން ކަމަށެވެ.