ޚަބަރު

އެޗްއައިއެޗްއަކީ ޓުއަރިސްޓް ސަޕޯޓް ސެންޓަރެއްގެ ގޮތުގައި ކަނޑައަޅައިފި

ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) އަކީ ޓުއަރިސްޓް ސަޕޯޓް ސެންޓަރެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ޓުއަރިޒަމް މިނިސްޓްރީން ކުރި މަސައްކަތުން މިހާރު އެޗްއައިއެޗްއަކީ ޓުއަރިސް ސަޕޯޓް ސެންޓަރެއްގެ ގޮތުގައި ކަނޑައެޅިފައިވާ ކަމަށެވެ.

"އެޗްއައިއެޗް ހޮޓެލަކީ މިހާރު ޓުއަރިސް ސަޕޯޓްސް ސެންޓަރެއް. މާނައަކީ ޓްރެވަލް ރެސްޓްރިކްޝަންތައް އެޗްޕީއޭ އިން ނެގި ފަހުން ދިމާވާ ކަންކަމުގައި ބޭނުންކުރެވޭނެ ހޮޓަލެއްގެ ގޮތުގައި ކަނޑައެޅިފައި މިވަނީ އެޗްއައިއެޗް،" އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި 13 މީހަކު ވަނީ ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.

ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ރާއްޖޭގައި 30 ދުވަހުގެ އާންމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާންކުރައްވައިފައެވެ.