އިތުރު ތިން ރިސޯޓަކުން ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި ބަޔަކު ފެނިގެން އެމީހުން ޓެސްޓުކުރުމަށް ސާމްޕަލް ނަގައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ޝައްކުކުރެވޭ އަލާމާތްތައް ފެނިފައިވަނީ އާވީ ނޭޗާސް ޕެރަޑައިސް މޯލްޑިވްސް ރިސޯޓުގެ ބިދޭސީއަކާއި ފޯ ސީޒަން މޯލްޑިވްސްގެ ދެ ބިދޭސީއަކާއި އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުގެ ދިވެއްސެއްގެ ގައިން ކަމަށެވެ.
އެޗްޕީއޭ އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ ރައްކާތެރިކަމުގެ ގޮތުން އަލަމުކުރަމުން އަންނަ އުސޫލުގެ ދަށުން ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އާވީ ނޭޗާސް ޕެރަޑައިސް މޯލްޑިވްސް ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގައި ޓެސްޓުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އޭގެ އިތުރުން ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ފޯ ސީޒަން މޯލްޑިވްސް އިން ދެ ބިދޭސީއެއްގެ ސާމްޕަލް ނަގައި ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ރިސޯޓު މޮނީޓަރިންއަށް ލެވިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އެޗްޕީއޭ އިން އިތުރަށް ބުނީ އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުން ކޮވިޑް 19އަށް ޕޮޒިޓިވްވި މީހަކާ "ޑައިރެކްޓް ކޮންޓެކްޓް"ވި ދިވެއްސެއްގެ ގައިން އަލާމާތްތައް ފެނިގެން ޓެސްޓުކުރުމަށް ސާމްޕަލް ނަގާފައިވާ ކަމަށެވެ.
ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި 13 މީހަކު ވަނީ ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.