ޚަބަރު

ރަށްރަށަށް މީހުން އަރައި ފޭބުން މަނާ ނުކުރުމަށް އެލްޖީއޭއިން އިން ކައުންސިލްތަކަށް އަންގައިފި

އަލީ ޔާމިން

1

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅުވައިގެން ރަށްރަށަށް މީހުން އަރައި ފޭބުން ކައުންސިލްތަކުން މަނާކުރާކަމުގެ ޝަކުވާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ލިބެމުންދާތީ އެކަން އެގޮތަށް ނުކުރުމަށް އެ އޮތޯރިޓީން ކައުންސިލްތަކަށް އަންގައިފިއެވެ.

މިކަމާ ގުޅިގެން އެލްޖީއޭއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ރާއްޖެއިން ފުރައިގެން ދިޔުމާއި، ރާއްޖެއަށް އެނބުރި އައުމާއި ރާއްޖޭގައި ހުރުމާއި ރާއްޖޭގެ އެކި ތަންތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީގެ 41 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ހައްގަކަށްވީ ހިނދު، އެ ހައްގު ނުވަތަ މިނިވަންކަމުގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ގާނޫނު އަސާސީއާ ތައާރުސްނުވާ ގޮތެއްގެ މަތީން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށް ގާނޫނު އަސާސީގެ 16 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވާ ކަމަށެވެ.

އެއްގަމު މަގުންނާއި ކަނޑު މަގުންނާއި ވައިގެ މަގުން ދަތުރުކުރުން ހުއްޓުވުން ނުވަތަ ކޮންޓްރޯލްކުރުން ނުވަތަ އެފަދައިން ދަތުރުކުރުމުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަކީ ގާނޫނޫ ނަންބަރު 7/2012 (އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު)ގެ 33 ވަނަ މާއްދާގެ ދަށުން އިއުލާނުކުރާ ކުއްލި ނުރައްކަލުގެ ހާލަތުގައި އެ މާއްދާގެ 34 ވަނަ މާއްދާގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަސްއޫލިއްޔަތެއް ކަމަށާއި އެހެންކަމުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ނިންމުންތައް ނިންމުމަށް ގާނޫނީ ގޮތުން ބާރުލިބިފައިވާ ފަރާތުން އެއްވެސް ރަށަކަށް މީހުން އަރައި ފޭބުން މަނާކުރުން ފަދަ އެއްވެސް ނިންމުމެއް ނުނިންމާ ހިނދަކު، ކައުންސިލްތަކުން އެފަދަ ނިންމުންތައް ނުނިންމުމަށް އެދޭ ކަމަށެވެ.

އެލްޖީއޭއިން މިހެން ބުނެފައިވާއިރު ބައެއް ރަށްރަށުގެ ކައުންސިލްތަކުން ކޮރޯނާވައިރަހާ ގުޅުވައިގެން މީހުން އަރައި ފޭބުން ވަނީ މަނާކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟