މާފުށީ ޖަލާއި މާލޭ ޖަލުގައި ހަމަނުޖެހުން ހިންގި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ފުލުހުން ނިންމައިފިއެވެ.
ފުލުހުން ބުނީ ރޭ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބައެއް މުވައްޒަފުންނަށާއި މުދަލަށާއި އަދި އިމާރާތްތަކަށް ދީފައިވާ ހަމަލާގެ މައްސަލަ އެ ސާވިސް އިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ. އަދި ކަރެކްޝަންސް އިން ބޭނުންވެއްޖެ ހިނދެއްގައި ފުލުހުންގެ އެހީތެރިކަން އަބަދުވެސް ލިބޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކޮވިޑް 19 އާ ގުޅިގެން ދިވެހިރާއްޖެ ވެސް ނާޒުކު ފައްތަރެއްގައި އޮތް ދަނޑިވަޅެއްގައި މި ބަލި ފުތުރުނަ ނުދިނުމަށް ކަމާބެހޭ އިދާރާތަކުން ވެސް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ އިރު، އެންމެން ގުޅިގެން މަސައްކަތްކުރުމަށް އިލްތިމާސްކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އިއްޔެ މާފުށީ ޖަލާއި މާލޭ ޖަލުގައި ހިނގި ހަމަނުޖެހުމުގައި ދިހަ އޮފިސަރުންނާއި ބަންދުގައި ތިބި ޖުމްލަ ނުވަ މީހަކަށް އަނިޔާވެފައިވެއެވެ. އެއީ މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމުގައި ފަސް އޮފިސަރުންނާއި ހަތަރު ބަންދު މީހުން އަދި މާލޭ ޖަލުގައި ހިނގި ހަމަނުޖެހުމުގައި ފަސް އޮފިސަރުންނާއި ފަސް ބަންދު މީހަކަށް ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.
މި ހަމަނުޖެހުންތައް ހިނގާފައިވަނީ ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުން އެ ސާވިސްއިން އެޅި އެކި ފިޔަވަޅުތަކާ ގުޅިގެން ކަމަށް ކަރެކްޝަނުން ބުނެއެވެ. ކޮވިޑް 19 އިން ޖަލުގައި ބަންދުގައި ތިބި މީހުންނާއި ގައިދީން އަދި ޖަލުގައި މަސައްކަތް ކުރާ މީހުންގެ ރައްކާތެރިކަމަށް ކަރެކްޝަނުން ވަނީ އާއިލީ ބައްދަލުވުމާއި އެކަހެރި ބައްދަލުވުން ވަގުތީ ގޮތުން މެދުކަނޑާލައިފައެވެ.
މީގެ އިތުރުން ޖަލުގެ ޔުނިޓްތައް، ކޮރިޑޯ އަދި ފާހަނާ ފަދަ ތަންތަން ސާފުކޮށް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކަރެކްޝަނުން ބުނެއެވެ. އަދި މާފުށީ ޖަލުގައި ހަމަނުޖެހުން ހިނގާފައިވަނީ ޖަލުތެރެ ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތައް އެއްބާރުލުން ނުދީ، އޮފިސަރުންގެ ވާޖިބަށް ހުރަސް އަޅައި، އޮފިސަރުންނާ ކުރިމަތިލުމަށް މަސައްކަތް ކުރުމުގެ ތެރެއިން ކަމަށް ކަރެކްޝަނުން ބުނެއެވެ.
މި ހަމަނުޖެހުން ތަކުގައި އަނިޔާވި ފަރާތްތަކަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ކަރެކްޝަނުން ބުނެއެވެ. އަދި ބަންދުގައި ތިބި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ކަރެކްޝަނުން ބުނެއެވެ. ހަމައެއާކު މިހާރު ޖަލުތަކުގެ ހާލަތު ކޮންޓްރޯލްކޮށް، އާންމު ހާލަތަކަށް ގެނެވިފައިވާ ކަމަށް ކަރެކްޝަނުން ބުނެއެވެ.
އިއްޔެ ޖަލުތަކުގައި ހިނގި ހަމަނުޖެހުމަށް ފަހު ކަރެކްޝަންސްގެ އޮފިސަރުންނާއި މުވައްޒަފުންނަށް އިންޒާރު ލިބެމުން އަންނަ ކަމަށް ކަރެކްޝަނުން ބުނެއެވެ. އަދި ރޭގެ ވަގުތެއްގައި ކަރެކްޝަންގެ އޮފިސަރަކަށް މަރުތޭލަކުން ހަމަލާ ދީފައިވާ ކަމަށް ވެސް އެ ސާވިސް އިން ބުނެއެވެ. ކަރެކްޝަންސްގެ ބައެއް އިމާރާތްތަކަށް ގެއްލުންދީ، ބައެއް އުނޅަނދުތަކުގެ ބިއްލޫރިގަނޑު ތަޅާލާފައިވާ ކަމަށާއި މި މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް ކަރެކްޝަނުން ބުނެއެވެ.
މީގެ އިތުރުން މިފަދަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގައި އެ ސާވިސްގެ ހާލަތާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދޮގު މައުލޫމާތު ފަތުރަމުންދާތީ އެކަމަށް ކަންބޮޑުވާ ކަމަށާއި މިކަމުގެ ސަބަބުން އެ ސާވިސްގެ އޮފިސަރުންގެ މަސައްކަތަށް އަދި ޖަލުގައި ބަންދުކޮށްފައިވާ ގައިދީންނާއި ބަންދު މީހުންނާއި ޖަލު އޮފިސަރުންގެ ސަލާމަތަށާއި ރައްކާތެރިކަމަށް ބުރޫ އަރާ ކަމަށް ކަރެކްޝަނުން ބުނެއެވެ.