ޚަބަރު

ކޮވިޑް 19 : ނޭޕާލުން އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލައިފި

އަލީ ޔާމިން

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ކޮރޯނާވައިރަސް ފެތުރެމުންދާތީ، ނޭޕާލުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، 14 މާރިޗު 2020 އިން ފެށިގެން 30 އޭޕްރިލް 2020 އާ ހަމައަށް އެގައުމުން އޮން އެރައިވަލް ވިސާ ލިބޭ ހުރިހާ ގައުމަކަށްވެސް އެ ހިދުމަތް ހުއްޓާލައިފައިވާކަން ނޭޕާލް ސަރުކާރުން އަންގައފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ފަތުރުވެރިން ނޭޕާލަށް ޒިޔާރަތް ކުރާނަމަ ކޮވިޑް 19 ނެތްކަން އަންގައިދޭ މެޑިކަލް ލިޔުމެއް (ނޭޕާލަށް އެތެރެވާ ތާރީހަށް ހަތް ދުވަސް ހަމަ ނުވާ) އެ ގައުމެއްގެ ކަމާ ގުޅުން ހުރި އިދާރައަކުން ހޯދައި އެލިޔުން ހިފައިގެން ވަޑައިގަތުމަށް ނޭޕާލް ސަރުކާރުން އަންގާފައިވާ ކަމަށެވެ.

މީގެ އިތުރުން ހުރިހާ ފަތުރުވެރިންވެސް ނޭޕާލަށް ދިޔުމުން 14 ދުވަހަށް އަމިއްލައަށް ކަރަންޓީނުގައި ތިބެންޖެހޭނެކަންވެސް ނޭޕާލް ސަރުކާރުން އަންގަވާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ވަނީ ނޭޕާލުގައި މިވަގުތު ދިރިއުޅެމުން އަންނަ ދިވެހި ރައްޔިތުން ނޭޕާލުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުފަތުރު ނޫނީ ނުކުރުމަށާއި، ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމަށާއި، މީހުން ގިނައިން އެއްވާ ތަންތަނަށް ނުދިޔުމަށް އިލްތިމާސް ކޮށްފައެވެ. އަދި ނޭޕާލަށް ދަތުރުކުރާ ފަރާތްތަކުންނާއި ނޭޕާލުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، ފޮރިން މިނިސްޓްރީގައި ރެޖިސްޓާވުމަށްވެސް މިނިސްޓްރީން އެދެއެވެ.