ޚަބަރު

ރަތް އެލާޓުގެ ހާލަތެއްގައި ކޮންމެހެން މަސައްކަތަށް ނެރެންޖެހޭ މުވައްޒަފުން ނޫނީ ނުނެރުމަށް އަންގައިފި

މަރިޔަމް ޝަހުދާ

ރަތް އެލާޓުގެ ހާލަތެއްގައި ސަރުކާރުގެ މަސައްކަތަށް ކޮންމެހެން ނެރެންޖެހޭ މުވައްޒަފުން ނޫނީ ނުނެރުމަށް ސިވިލް ސާވިސް ކޮމިޝަނަށް އަންގައިފިއެވެ.

މިފަދައިން ސިވިލް ސާވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަންގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކުރެވުނު މަޝްވަރާގެ މަތިން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އެގޮތުން މި ބައްދަލުވުމުގައި ރާއްޖޭގައި ކޮވިޑް 19 ފެތުރުން ކުޑަކުރުމަށާއި، މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަދި ސަރުކާރުގެ އޮފީސްތަކުގެ ހަރަދު ކުޑަކުރުމަށް ސަރުކާރުގެ އޮފީސްތަކުގައި އަޅަންވީ ފިޔަވަޅުތައް މަޝްވަރާކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި މަޝްވަރާ ކުރެވުނު ކަންކަން ސިވިސް ސާވިސްއަށް އަންގާފައިވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެގޮތުން ކޮވިޑް 19ގެ އަލާމާތެއް ފެނިގެން މަސައްކަތަށް ނުނިކުތުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތަކުން ލަފާ ދީފިނަމަ އެ މުވައްޒަފު މަސައްކަތަށް ނުނެރުމަށް ރައީސް އެންގެވިކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. މީގެ އިތުރުން ސަރުކާރު އޮފީސްތަކުން ބައްދަލުވުންތަކާއި ހަފުލާތަކާއި ތަމްރީނު ޕްރޮގްރާމުތައް ނުރޭވުމަށް އަންގާފައިވެއެވެ. އަދި ކޮންމެހެން ބާއްވަންޖެހިއްޖެ ބައްދަލުވުމެއްނަމަ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އެފަދަ އިންތިޒާމު ހަމަޖެއްސުމަށް ރައީސް އެންގެވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ފިންގާޕްރިންޓް ޖަހަންޖެހޭ ގޮތަށް އެއްވެސް ހިދުމަތެއް ހޯދަން ޖެހޭނަމަ، އެ ހިދުމަތެއް ފިންގާ ޕްރިންޓާ ނުލައި ލިބޭނެ ގޮތެއް ހަމަޖެއްސުމަށް ރައީސް އެންގެވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. އަދި ސަރުކާރުގެ މަސައްކަތަށް ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށް ބޭނުންވާ އެންމެ މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތަށް ނެރެގެން ހިދުމަތް ދެވޭނެ ޕްލޭނެއް މާދަމާގެ ކުރިން އެކުލަވާލުމަށް ސިވިލް ސާވިސް ކޮމިޝަނަށް އަންގާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ކޮވިޑް 19ގެ އަލާމާތްތައް ހުރި މުވައްޒަފެއް އޮފީހުން ފެނިއްޖެ ނަމަ، އެކަމަށް އޮފީހުގެ ތެރޭގައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް މި ޕްލޭނުގައި ބަޔާން ކުރެވިފައިވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ވަނީ އެކި އެލާޓުތަކުގައި އަމަލު ކުރަންވީ ގޮތްތައްވެސް ސިވިލް ސާވިސް ކޮމިޝަނަށް އަންގައިފައެވެ. އެގޮތުން އޮރެންޖު އެލާޓް ލެވަލުގައި ވަކި ބަލިތަކެއް ޖެހިފައިވާ މުވައްޒަފުން، މާބަނޑު މުވައްޒަފުން އަދި އުމުރުން 55 އަހަރަށްވުރެ ދޮށީ އުމުރުގެ މުވައްޒަފުން މަސައްކަތަށް ނުނިކުމެ 30 ދުވަހުގެ މުއްދަތަށް ތިބުމުގެ ފުރުސަތު އެ މުވައްޒަފުންނަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި އޮރެންޖު ލެވަލްގައި ގޭގައި މަޑުުކުރެވޭނީ ހިތުގެ ބައްޔާއި، ކެންސަރު ބަލި، ހަކުރު ބަލި އަދި ލޭމައްޗަށް ދިއުން ފަދަ ބަލިތައް ހުންނަ ފަރާތްތަކުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރަތް އެލާޓް ލެވަލްގައި ސަރުކާރުގެ މަސައްކަތަށް ކޮންމެހެން ނެރެންޖެހޭ މުވައްޒަފުން ނޫނީ ނުނެރުމަށް އެންގުމުގެ އިތުރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ގޭގައި ތިބެގެން ކުރެވޭނެ މަސައްކަތްތައް ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އަންގާފައިވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ކޮވިޑް 19ގެ ސަބަބުން މުވައްޒަފުން އޮފީހަށް ނުނިކުމެ ތިބޭ ދުވަސްވަރާއި ގޭގައި މަސައްކަތް ކުރާ ދުވަސްވަރު މުވައްޒަފުންގެ މުސާރަ އަދި ލިބެން ޖެހޭ އިނާޔަތްތައް އެގޮތުގެ މަތިން ދިނުމަށް ސަރުކާރުން ވަނީ އަންގާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން މަސައްކަތަށް ނުނިކުމެ ތިބެން ޖެހޭ ދުވަސްވަރު ރަށުން ބޭރަށް ނުދިއުމާއި، އެކި ކަންކަމުގައި ގެއިން ބޭރަށް ދިއުން މަދުކުރުމަށް މުވައްޒަފުންނަށް އެންގުމަށް ރައީސް ވަނީ ސިވިލް ސާވިސް ކޮމިޝަނަށް އަންގަވައިފައެވެ.