މުހައްމަދު އައުޒަމް
އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން އަލިފާން ނިއްވާ ސައިކަލް ތައާރަފްކުރަން ނިންމައިފިއެވެ.
އަލިފާން ނިއްވާ ސައިކަލާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ ފަރާތުން ކާނަލް އަބްދުﷲ ޒުހުރީ ވިދާޅުވީ މާލޭގެ މަގުތައް ތޮއްޖެހުމާއި ހަނިގޯޅިތަކަށް ފަޔާ އެންޑް ރެސްކިއު ވެހިކަލްތަކަށް ނުވަދެވޭތީ އަލިފާން ނިއްވުމަށް ބޭނުންވާ އާލާތްތަކާއެކު އަވަހަށް ދެވޭނެ މަގުފަހިކުރުމުގެ ގޮތުން އަލިފާން ނިއްވާ ސައިކަލު ތައާރަފް ކުރަން ނިންމީ ކަމަށެވެ.
ކާނަލް އަބްދުﷲ ޒުހުރީ ވިދާޅުވީ އަލިފާން ނިއްވުމަށް ބޭނުންވާނެ އާލާތްތައް މި ސައިކަލްގައި ހުންނާނެ ކަމަށާއި އަލިފާން ރޯވެފައިވާ ތަނެއް އިތުރަށް ފެތުރުން ހުއްޓުވޭނެ އާލާތްތައް ސައިކަލުގައި ހަރުކުރެވިފައިވާނެ ކަމަށް ވިދާޅުވިއެވެ.
އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު އިން މާދަމާ ފަށަން ހަމަޖެހިފައިވާ އެކްސަސައިޒް ޖައްރާފާގައި އަލިފާން ނިއްވާ ސައިކަލު ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއަށްފަހު އަލިފާން ނިއްވާ ސައިކަލުގެ ހިދުމަތް އާންމުކޮށް ބޭނުންކުރަން ފަށާނެ ކަމަށް އަބްދުﷲ ޒުހުރީ ވިދާޅުވިއެވެ.
މިއަދު ހެނދުނު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު މާލޭ ސްޓޭޝަންގައި ވަނީ އަލިފާން ނިއްވާ ސައިކަލު މަސައްކަތް ކުރާނެ ގޮތް ނޫސްވެރިންނަށް އަމަލީގޮތުން ދައްކާލައިފައެވެ.