ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސްޕެއިނުން ރާއްޖެ އައި ދިވެއްސަކު ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނީ މިހާރު އެމީހާ ފަރުކޮޅުފުއްޓަށް ގެންގޮސް ޓެސްޓު ކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން މިހާތަނަށް އަށް ގައުމަކުން ރާއްޖެއަށް މީހުން އައުން ވަނީ މަނާކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ޗައިނާ އާއި، އިޓަލީ އާއި، އިރާންއާއި ކޮރެއާގެ ދެ ސަރައްހަދަކާއި، ބަންގްލަދޭޝްގެ އިތުރުން ސްޕެއިން އާއި ޖަރުމަނު ވިލާތާއި ފަރަންސޭސި ވިލާތެވެ.
ރާއްޖެއަށް ފަތުރުވެރިން އައުން މަނާކޮށްފައިވީ ނަމަވެސް، އެގައުމުތަކުގައި ތިބި ދިވެހީންނަށް ރާއްޖެ އާދެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ރާއްޖޭން މިހާތަނަށް ކޮވިޑް 19 ޖެހިފައިވާ މީހުންގެ އަދަދު ވަނީ 13 އަށް އަރައިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.