ޚަބަރު

އިންޑިއާގެ ދިހަ މިލިއަން ޑޮލަރުގެ އެހީއާއެކު ސާކް އެމަޖެންސީ ފަންޑެއް އުފައްދަން މޯދީ ހުށަހަޅުއްވައިފި

އަލީ ޔާމިން

ކޮރޯނާވައިރަސްއާ ދެކޮޅަށް ކުރާ މަސައްކަތް ކުރުމަށް ސާކުގެ ގައުމުތަކުން ބައިވެރިވާ އެމަޖެންސީ ފަންޑެއް އުފެއްދުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުށަހަޅުއްވައިފިއެވެ.

ބޮޑުވަޒީރު މޯދީ އެގޮތަށް ހުށަހެޅުއްވީ، އެމަނިކުފާނުގެ އިސް ނެންގެވުމަކަށް ސާކު ގައުމުތަކުގެ ވެރިންގެ މެދުގައި މިއަދު ބޭއްވި ޓެލެކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މޯދީ ވިދާޅުވީ، އެ ފަންޑު އުފައްދާއިރު އިންޑިއާއިން 10 މިލިއަން ޑޮލަރު އެ ފަންޑަށް ޖަމާކުރާނެ ކަމަށާއި އެހެން ގައުމުތަކުންވެސް އެ ފަންޑަށް ފައިސާ ޖަމާކުރުމަށް ހުށަހަޅުއްވާ ކަމަށެވެ.

މޯދީގެ އެ ހުށަހެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން އަފްގާނިސްތާނުން ވަނީ ތާއީދުކޮށް މަރުހަބާ ދަންނަވައިފައެވެ.

މިއަދު ބޭއްވި ޓެލެކޮންފަރެންސަކީ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ސާކްގެ ގައުމުތަކުން އަމަލުކުރާނެ ސްޓްރެޓަޖީއެއް އެކުލަވާލުމަށް ބޭއްވުނު ޓެލެކޮންފަރެންސެކެވެ.