ޚަބަރު

ކޮވިޑް 19 : އުރީދޫއިން ކަސްޓަމަރުންނަށް ލުއި އެތައް ގޮތްތަކެއް!

އަލީ ޔާމިން

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމުގެ ނުރައްކާ އަޅުގަނޑުމެންގެ ރާއްޖެއަށްވެސް މިދަނީ ކުރަމުންނެވެ. ރާއްޖެއިންވެސް މިހާތަނަށް ކޮވިޑް 19އަށް 13 މީހަކު ޕޮޒިޓިވްވެފައިވާ އިރު، މި ބަލިމަޑުކަމުން ރައްކާތެރިވުމަށް ދިވެހި ސަރުކާރުން އަންނަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިވަނީ ރާއްޖޭގައި އިއުލާންކޮށްފައެވެ. އެއާއެކު ސްކޫލުތަކާއި ކޮލެޖު ޔުނިވާސިީޓީތައް މިވަނީ ބަންދު ކުރެވިފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިވަނީ ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށް އިލްތިމާސްކޮށް ގިނައިން ބޭރުގައި ނޫޅުމަށް އިލްތިމާސްކޮށްފައެވެ.

ކޮވިޑް 19ގެ ނުރައްކާ ރާއްޖެއަށް ބޮޑުވަމުންދާ އިރު، މި ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ރާއްޖޭގައި މަސައްކަތް ކުރާ މުވާސަލާތީ ހިދުމަތްދޭ ކުންފުނި، އުރީދޫ މޯލްޑިވްސް އިން ވެސް މިވަނީ ކަސްޓަމަރުންނަށް ލުއި އެތައް ގޮތެއް ތައާރަފުކޮށްފައެވެ.

އުރީދޫގެ "އެންމެންނާއެކު އުރީދޫ" މި ޝިއާރުގެ ދަށުން އެ ކުންފުނިން ވަނީ މިމަހުގެ ނިޔަލަށް އުރީދޫ ކަސްޓަމަރުންނަށް، އެހެން ނެޓްވޯކްތަކުގެ ނަމްބަރުތައްވެސް ހިމެނޭހެން ހިލޭ އެސްއެމްސް ކުރެވޭނެކަން ހާމަކޮށްފައެވެ.

ފޯނު ބިލާއި، ފައިބާ އަދި ވަޔާލެސް ބްރޯޑްބޭންޑްގެ ބިލު ހިމެނޭހެން އަދި ކުދި ވިޔަފާރިތަކުން އުރީދޫއަށް ދައްކަންޖެހޭ ބިލްތަކަށް މި މަހު ފައިސާ ނުދެއްކުނަސް ހިދުމަތް ކަނޑާނުލާނެ ކަމުގެ ޔަގީންކަން އުރީދޫން ވަނީ އަރުވައިފައެވެ.

މީގެ އިތުރުން އެޗްޕީއޭ އިން އަންގައިގެން ގޭގައި އެކަހެރިވާން ޖެހޭ އާއިލާތަކަށް އުރީދޫ ސުޕަނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 25 އިންސައްތަ ބޯނަސް ޑޭޓާ ލިބޭނެއެވެ.

އުރީދޫން ވަނީ ކޮވިޑް 19އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އެކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ އިންތިޒާމު ހަމަޖައްސައިފައެވެ. އުރީދޫގެ އެދުމަކީ މި ހާލަތުގައި އުރީދޫގެ ޑިޖިޓަލް ހިދުމަތްތަކުގެ ބޭނުން ވީހާވެސް ގިނައިން ކަސްޓަމަރުން ހިފުމެވެ. އަދި ކޮންމެހެން އަންނަން ޖެހިގެން ނޫނީ އުރީދޫގެ އައުޓްލެޓުތަކަށް ޒިޔާރަތް ނުކުރުމަށެވެ.

ކޮވިޑް 19އާ ގުޅިގެން ސްކޫލުތަކާއި ކޮލެޖު ޔުނިވާސިޓީތައް ބަންދުކޮށްފައިވާ އިރު، އުރީދޫން ބުނީ ތައުލީމު ފޯރުކޮށްދޭ އިދާރާތަކާ މަޝްވަރާކޮށްގެން ގޭގައި ތިބެގެން އޮންލައިންކޮށް ކިޔެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އުރީދޫއިން މިހާރުވެސް އަންނަނީ ކޯވިޑް 19 އާ ދެކޮޅަށް ގައުމުން ކުރަމުން އަންނަ މަސައްކަތުގައި ވަރަށް ގާތުން މަސައްކަތް ކުރަމުންނެވެ. އެގޮތުން އެޗްޕީއޭގެ ޕޭޖަށް އިންޓަނެޓާ ނުލައި ހިލޭ ވަދެވޭނެ ގޮތް ހަމަޖައްސައިދިނުމުގެ އިތުރުން އުރީދޫގެ ކަސްޓަމަރުންނަށް ގުޅާއިރު އަންނަ ޓިއުންސް މިހާރު ވަނީ ކޯވިޑަށް ހޭލުންތެރިކުރުމުގެ މެސެޖުތަކަށް ބަދަލުކޮށްފައެވެ.