ޚަބަރު

މާވަރުލު އެއާޕޯޓަށް ކޮމާޝަލް ފްލައިޓްތައް އޮޕަރޭޓް ކުރުން ފަސްކޮށްފި

އައިދާ އަބްދުލް ހަކީމް

މިމަހުގެ 20 ވަަނަ ދުވަހުން ފެށިގެން ގދ. މާވަރުލު އެއާޕޯޓަށް ކޮމާޝަލް ފްލައިޓްތައް އޮޕަރޭޓް ކުރަން ކުރިން ހަމަޖެއްސި ނަމަވެސް ރާއްޖޭގައި މިހާރު ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން އެ ދަތުރުތައް ފެށުން ފަސްކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ މާވަރުލު އެއާޕޯޓަށް ކޮމާޝަލް ފްލައިޓްތައް އޮޕަރޭޓް ކުރުމަށް މިހާރު ހަމަޖައްސާފައިވަނީ މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ގދ. މާވަރުލު އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށީ 2011 ވަނަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހު މޫވިން އިންޓަނޭޝަނަލް ކުންފުންޏާ ހަވާލުކޮށްގެންނެވެ.

ނަމަވެސް އެއްބަސްވި މުއްދަތަށް މަސައްކަތް ނިންމާފައި ނުވާތީ އެތަން ސަރުކާރަށް ނަގައި އެއާޕޯޓުގެ ރަންވޭ އާއި އޭޕްރަންގެ އިތުރުން ޓެކްސީވޭގެ މަސައްކަތްތައް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2018 ވަނަ އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހުއެވެ. މާވަރުލު އެއާޕޯޓުގެ ރަންވޭއަކީ 150 މީޓަރު ފުޅާ އަދި 1200 މީޓަރު ދިގު ރަންވޭއެކެވެ.

މާވަރުލުގައި ތަރައްގީކޮށްފައިވާ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. މާވަރުލު އެއާޕޯޓްގެ މަސައްކަތް މިހާރު ނިމި ޓެސްޓުކޮށްފައިވާއިރު އެ އަތޮޅު ފަރެސްމާތޮޑާގައިވެސް އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.