މިނިސްޓަރު ފައްޔާޒް އިސްމާއިލް

ވިޔަފާރިތަކަށް ލިބޭ ގެއްލުން ކުޑަކުރަން ހާއްސަ ލޯނު އެހީގެ ޕެކޭޖެއް ރާވާކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވެއްޖެ

ކޮވިޑް 19 އާ ގުޅިގެން އާއްމު ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށްޓަކައި، ދަށް އިންޓްރެސްޓް ރޭޓެއްގައި އަނބުރާދެއްކުމުގައި ލުއި ގޮތްތަކެއް ހިމެނޭ ބޭންކް ލޯން ޕެކޭޖެއް ހަމަޖައްސަވައި ދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެކަމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ހާމަކުރައްވައި، މިނިސްޓަރު ފައްޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އިންޓްރެސްޓް ރޭޓުތައް ދަށްކޮށް، ލޯނު އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަކީ ވިޔަފާރިތައް ހިންގޭނެކަން ޔަގީން ކުރަން މި ދަނޑިވަޅުގައި ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައި ވާއިރު، ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ދަށަށް ދާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެެވެ.

ކޮވިޑް 19 އާއި ގުޅިގެން، ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމާ ގުޅިގެން މިދިޔަ ބުރާސްފަތު ދުވަހު ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ އިގުތިސާދު ދަށަށްދިޔަ ނަމަވެސް ވިޔަފާރިތަކަށް، ހާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބިދާނެ ގެއްލުންތަކުން އަރައިގަތުމުގައި އެހީތެރިވެދެވޭނެ ގޮތެއް ހޯދުމަށް ރާއްޖޭގައި ހިންގާ ބޭންކުތަކާ އެކު މަރުކަޒީ ބޭންކު އެމްއެމްއޭ އިން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭން ބޭރުން ލޯނު އެހީ އާއި ހިލޭ އެހީ ހޯދުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިކަމުގައިވެސް އެކުވެރި ގައުމުތަކުންނާއި މާލީ އިދާރާތަކުން ފެހި ސިގުނަލް ލިބިފައިވާ ކަމަަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް އައި ބަދަލުގެ ސަބަބުން، މިއަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ، 2.1 ބިލިއަން ރުފިޔާ އާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ ކަމަށް، މިހާރު އަންދާޒާ ކުރެވޭ ކަމަށެވެ. އަދި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ދުވެލި، 0.5 އާއި މައިނަސް 5.6 ޕަސެންޓަށް ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.