އިއްޔެ މާފުށީ ޖަލުގައި އަދި ރޭ މާލޭ ޖަލުގައި ހިނގި ހަމަނުޖެހުންތަކެއްގައި ޖުމުލަ 19 މީހަކަށް އަނިޔާވި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.
އަނިޔާ ވެފައި ވަނީ ޖުމުލަ 10 އޮފިސަރުންނާއި ބަންދުގައި ތިބި ޖުމުލަ ނުވަ މީހަކަށް ކަމަށް މާލޭ ޖަލާއި މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ކަރެކްޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އެއީ މާފުށީ ޖަލުގައި ހިނގި ހަމަ ނުޖެހުމުގައި ފަސް އޮފިސަރުން އަދި ހަތަރު ބަންދު މީހުން މާލޭ ޖަލުގައި ހިނގި ހަމަނުޖެހުމުގައި ފަސް އޮފިސަރުން އަދި ފަސް ބަންދު މީހަކަށް ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.
މި ހަމަނުޖެހުންތައް ހިނގާފައިވަނީ ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުން އެ ސާވިސްއިން އެޅި އެކި ފިޔަވަޅުތަކާއި ގުޅިގެން ކަމަށް ކަރެކްޝަނުން ބުނެއެވެ. ކޮވިޑް 19 އިން ޖަލުގައި ބަންދުގައި ތިބި މީހުންނާއި ގައިދީން އަދި ޖަލުގައި މަސައްކަތް ކުރާ މީހުންގެ ރައްކާތެރިކަމަށް ކަރެކްޝަނުން ވަނީ އާއިލީ ބައްދަލު ވުމާއި އެކަހެރި ބައްދަލުވުން ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
މީގެ އިތުރުން ޖަލުގެ ޔުނިޓްތައް، ކޮރިޑޯ އަދި ފާހަނާ ފަދަ ތަންތަން ސާފުކޮށް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކަރެކްޝަނުން ބުނެއެވެ. އަދި މާފުށީ ޖަލުގައި ހަމަ ނުޖެހުން ހިނގާފައިވަނީ ޖަލުތެރެ ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތައް އެއްބާރުލުން ނުދީ، އޮފިސަރުންގެ ވާޖިބަށް ހުރަސް އަޅައި، އޮފިސަރުންނާ ކުރިމަތިލުމަށް މަސައްކަތް ކުރުމުގެ ތެރެއިން ކަމަށް ކަރެކްޝަނުން ބުނެއެވެ.
މި ހަމަނުޖެހުން ތަކުގައި އަނިޔާވި ފަރާތްތަކަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ކަރެކްޝަނުން ބުނެއެވެ. އަދި ބަންދުގައި ތިބި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ކަރެކްޝަނުން ބުނެއެވެ. ހަމައެއާކު މިހާރު ޖަލުތަކުގެ ހާލަތު ކޮންޓްރޯލްކޮށް، އާންމު ހާލަތަކަށް ގެނެވިފައިވާ ކަމަށް ކަރެކްޝަނުން ބުނެއެވެ.
އިއްޔެ ޖަލުތަކުގައި ހިނގި ހަމަނުޖެހުމަށް ފަހު ކަރެކްޝަންސްގެ އޮފިސަރުންނާއި މުވައްޒަފުންނަށް އިންޒާރު ލިބެމުން އަންނަ ކަމަށް ކަރެކްޝަނުން ބުނެއެވެ. އަދި ރޭގެ ވަގުތެއްގައި ކަރެކްޝަންގެ އޮފިސަރަކަށް މަރުތޭލަކުން ހަމަލާ ދީފައިވާ ކަމަށް ވެސް އެ ސާވިސް އިން ބުނެއެވެ. ކަރެކްޝަންސްގެ ބައެއް އިމާރާތްތަކަށް ގެއްލުންދީ، ބައެއް އުނޅަނދުތަކުގެ ބިއްލޫރިގަނޑު ތަޅާލާފައިވާ ކަމަށާއި މި މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް ކަރެކްޝަނުން ބުނެއެވެ.
މީގެ އިތުރުން މިފަދަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގައި އެ ސާވިސްގެ ހާލަތާއި ގުޅެ ގޮތުން ބައެއް ފަރާތްތަކުން ދޮގު މައުލޫމާތު ފަތުރަމުންދާތީ އެކަމަށް ކަންބޮޑުވާ ކަމަށާއި މިކަމުގެ ސަބަބުން އެ ސާވިސްގެ އޮފިސަރުންގެ މަސައްކަތަށް އަދި ޖަލުގައި ބަންދުކޮށްފައިވާ ގައިދީންނާއި ބަންދު މީހުންނާއި ޖަލު އޮފިސަރުންގެ ސަލާމަތަށާއި ރައްކާތެރިކަމަށް ބުރޫ އަރާ ކަމަށް ކަރެކްޝަނުން ބުނެއެވެ. އޮންނާނެ ކަމަށް ބުނެފައެވެ.