ޚަބަރު

ހިދުމަތުގައި ނެތް ސިއްހީ ހިދުމަތްތެރިންގެ ވެސް މި ވަގުތު ގައުމީ ހިދުމަތަށް ނުކުމެދެއްވާ!: މިނިސްޓަރު އަމީން

އައިދާ އަބްދުލް ހަކީމް

މިވަގުތު ހިދުމަތުގައި ނެތް ސިއްހީ ހިދުމަތްތެރިން ވެސް މި ވަގުތު ހިދުމަތަށް ނިކުތުމަށް ހެލްތު މިނިސްޓަރު އަބްދުއްﷲ އަމީން ގޮވާލައްވައިފިއެވެ.

ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ހަދިޔާ ކުރި ޓެސްޓިން ކިޓްތަކާއި ހަވާލުވެވަޑައިގަތުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު އަމީން ވިދާޅުވީ މި ވަގުތަކީ ކުރިން ސިއްހީ ދާއިރާގައި މަސައްކަތްކޮށް އަދި މިހާރު ހިދުމަތުގައި ނެތް ފަރާތްތަކުގެ އެހީ ވެސް ބޭނުންވާ ވަގުތު ކަމަށެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިދުމަތަށް ނިކުންނަން ބޭނުންވާ ފަރާތްތަކުގެ ނަން ނޯޓު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އަމީން ވިދާޅުވިއެވެ.

"އަޅުގަނޑު އިލްތިމާސްކުރަން ސިއްހީ ހުރިހާ ހިދުމަތްތެރިންނަށް، ޑޮކްޓަރުން ވިޔަސް ނަރުހުން ވިޔަސް ޓެކްނީޝަނުން އަދި ސިއްހީ ހިދުމަތުގައި މަސައްކަތް ކޮށްފައި ތިބި ހުރިހާ ބޭފުޅުންވެސް، ހިދުމަތުގައި ނެތް ބޭފުޅުންވެސް މިއީ އަޅުގަނޑުމެން ތިބޭފުޅުންގެ އެހީތެރިކަން ބޭނުންވާ ވަގުތު. އެހެންވީމަ ތިބޭފުޅުންގެ ހިދުމަތަށް އަޅުގަނޑުމެން މި ގޮވާލަނީ. ނަންނޯޓު ކުރުމުގެ އިންތިޒާމް ހަމަޖައްސާނަން." އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ކޮވިޑް19 އާ ހަނގުރާމަ ކުރުމަށް ފްރަންޓްލައިންގައި މަސައްކަތް ކުރަނީ ސިއްހީ އެހީތެރިން ކަމަށާއި އެހެންކަމުން މި ވަގުތަކީ ގައުމީ ހިދުމަތަށް ސިއްހީ އެހީތެރިން ނިކުންނަންވީ ވަގުތު ކަމަށެވެ.

މިނިސްޓަރު އަމީން ވަނީ ރާއްޖޭގެ ސިއްހީ އެހީތެރިން މިހާތަނަށް ދައްކާފައިވާ ހިތްވަރަށް އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރަށްރަށުގައި މިވަގުތު ތިބި ޕަބްލިކް ހެލްތުގައި ހިދުމަތުގައި ދެމި ތިއްބެވި ފަރާތްތައް ނޫން ފަރާތްތައް ވެސް މިދަނޑިވަޅުގައި ހިދުމަތަށް ނިކުމެދެއްވުމަށް މިނިސްޓަރު އަމީން ވަނީ އިލްތިމާސް ކުރައްވާފައެވެ.

އަމީން ވިދާޅުވީ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކުގެ އިތުރުން ސިއްހީ މަރުކަޒުތަކުގައި އެފަރާތްތައް ރަޖިސްޓަރީ ކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ.