ސިޔާސީ އެކި އެކި މަގާމު ތަކާއި ކުންފުނި ތަކުގެ ބޯޑު ތަކަށް ވަކި ކަންތައްތަކަކަށް ބެއްލެވުމަށް ފަހު ނޫނީ މީހުން ނުލައްވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނެފައިވާ ގޮތުގައި ސިޔާސީ އެކި މަގާމު ތަކަށާއި ސަރުކާރު ކުންފުނި ތަކުގެ ބޯޑު ތަކަށް އައްޔަން ކުރައްވާ ބޭފުޅުން ފުރިހަމަކުރައްވަން ޖެހޭ ފޯމެއް އެކުލަވައިލައްވައި އެފޯމު އެބޭފުޅުން ފުރިހަމަކުރައްވާ ގޮތަށް ރައީސް ސޯލިހު ވަނީ ހަމަޖައްސަވައިފަ އެވެ.
އެ ފޯމުގައި ހިމެނޭ މައުލޫމާތު ތަކުގެ ތެރޭގައި މަގާމު ތަކަށް އައްޔަން ކުރެވޭ ބޭފުޅުންގެ އާންމު މައުލޫމާތާއި ތައުލީމީ ފެންވަރާއި ތަމްރީނާއި ތަޖުރިބާ އާއި ލިބިވަޑައިގަންނަވާ އާމްދަނީ އާއި އެބޭފުޅެއްގެ މުދަލާއި ފައިސާ އާއި ދަރަންޏާ ބެހޭ މައުލޫމާތު ހިމެނެ އެވެ.
"މި ދެންނެވި މަގާމު ތަކަށް އައްޔަން ކުރައްވާ ބޭފުޅުންނަށް އެ މަގާމުތައް ދެއްވާނީ މި ފޯމުގައި ހިމެނޭ އިގުރާރު، އެބޭފުޅަކު ފުރިހަމަކުރެއްވުމުން އޭގައިވާ މައުލޫމާތަށް ބެއްލެވުމަށްފަހު އެވެ." ރައީސް އޮފީހުން ބުނެފައިވެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް 10 ދުވަސް ވެފައިވާ އިރު، 39 ސްޓޭޓް މިނިސްޓަރުންނާއި 50 ޑެޕިއުޓީ މިނިސްޓަރުން އައްޔަން ކުރަން ނަންތައް ފޮނުވުމުގެ ފުރުސަތު ރައީސް އޮފީހުން ވަނީ ސިޔާސީ ޕާޓީ ތަކަށް ދެއްވައިފަ އެވެ. އަދި އެ ސްލޮޓު ތަކަށް ޕާޓީ ތަކުން ނަންތައް ވެސް ފޮނުވާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
އެހެން ނަމަވެސް އެންމެ ކުންފުންޏެއް ފިޔަވައި އެހެން އެއްވެސް ކުންފުންޏަކަށް މިހައިތަނަށް އައި އިރު ބޭފުޅުން އައްޔަން ކުރައްވައިފައެއް ނުވެ އެވެ. އިއްޔެ ވަނީ އެމްޓީޑީސީގެ މެނޭޖިން ޑައިރެކްޓަރު ކަމަށް މުހައްމަދު މުއްތޮލިބު އައްޔަން ކުރައްވައިފަ އެވެ.