ވޯލްޑް ހެލްތް އޯގަނައިޒޭޝަން

ކޮވިޑް 19 އަށް ޓެސްޓު ކުރެވޭ އިތުރު 5،000 ކިޓް ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ހަދިޔާ ކޮށްފި

އައިދާ އަބްދުލް ހަކީމް

މިހާރު ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް19 އަށް ޓެސްޓު ކުރެވޭ އިތުރު 5،000 ކިޓް ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ހަދިޔާ ކޮށްފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑަބްލިއުއެޗްއޯއިން ހަވާލުކުރި ކިޓްތަކާއި ހާވާލުވެވަޑައިގެންނެވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ. ޑަބްލިޔޫއެޗްއޯގެ ފަރާތުން ކިޓްތައް ހަވާލުކޮށްދެއްވީ ކަންޓްރީ ރެޕްރެޒެންޓެޓިވް ޑރ. އަރްވިން މާތުރުއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ ކޮރޯނާ ވައިރަހަށް ޓެސްޓް ކުރުމަށް ބޭނުންކުރާ ވަސީލަތްތަކުގެ އިތުރުން ސިއްހީ ދާއިރާއަށް ބޭނުންވާ މާލީ އެހީ ޑަބްލިއުއެޗްއޯ މެދުވެރިކޮށް ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އޭގެ ތެރޭގައި އޮޕަރޭޝަން ހަރުދަނާ ކުރުމާއި އޮޕަރޭޝަން ފުޅާ ކުރުމާއި އަދި ކޮވިޑް19 އާއި ގުޅިގެން އިތުރު މީހުންނަށް ފަރުވާ ދޭން ޖެހޭ ހާލަތުގައި ފަރުވާ ދިނުމުގެ ކަންކަން ހަރުދަނާ ކޮށް ވަރުގަދަ ކުރުމަށް ޓަކައި ޑަބްލިއުއެޗްއޯގެ އެހީ ލިބޭނެ ކަމަށް އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ދުނިޔޭގެ އެހެން ގައުމުތަގު އެހީ ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި ބަލި އެންމެ ގަދަޔަށް ފެތުރިގެންދާ ދަނޑިވަޅުގައި އަވައްޓެރި ގައުމުތަކުން ދޭނެ އެހީގެ މަޝްވަރާތައް ކުރައްވަމުން ގެންދަވާ ކަމަށް ވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިއަދު ހަދިޔާ ކުރި 5،000 ސްކްރީނިން ކިޓަކީ ކޮރޯނާ ވައިރަސް ހުރިތޯ ބެލުމަށް ޓެސްޓްކުރާ ކިޓްތަކެކެވެ. އަދި އޭގެތެރެއިން 1،000 ކިޓަކީ ސީދާ ކޮވިޑް19 ހުރިތޯ ބަލަން ޓެސްޓް ކުރާ ކިޓްތަކެކެވެ.

މީގެ ކުރިން ވެސް ޑަބްލިއުއެޗްއޯއިން ވަނީ ރާއްޖެއަށް ކޮވިޑް19 އަށް ޓެސްޓު ކުރެވޭ 1،000 ޓެސްޓިން ކިޓް ހަދިޔާކޮށްފައެވެ.