ޚަބަރު

ގްރޭޑް 10އިން ދަށުގެ ދަރިވަރުންނަށް އަންނަ ހަފުތާއިން ފެށިގެން އޮންލައިންކޮށް ކިޔަވައިދޭން ފަށަނީ

މަރިޔަމް ޝަހުދާ

ގްރޭޑް 10އިން ދަށުގެ ދަރިވަރުންނަށް އަންނަ ހަފުތާއިން ފެށިގެން އޮންލައިންކޮށް ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑް 19ގެ ސަބަބުން ސްކޫލުތައް ބަންދުކުރުމާ ގުޅިގެން ދަރިވަރުންނަށް ފިލާވަޅުތައް ނަގައިދިނުމަށް އޮންލައިން ކުލާސްތައް ފެށުމަށް ނިންމައި، ގްރޭޑް 10އިން މަތީގެ ދަރިވަރުންނަށް އެޑިއުކޭޝަނުން ވަނީ މިއަދު ކްލާސް ފަށާފައެވެ. އެގޮތުން ދައުލަތުގެ މީޑިއާ ޗެނަލެއް ކަމަށްވާ ޔެސް ޓީވީ މެދުވެރިކޮށް ފިލާވަޅު ޕްރޮގްރާމްތައް ގެނެސްދޭން ފަށާފައިވާ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

މިކަމާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ވިދާޅުވީ އަންނަ ހަފްތާގައި ގްރޭޑް 10އަކުން ދަށުގެ ދަރިވަރުންނަށް ވެސް އޮންލައިން ކުލާސްތައް ފަށާނެ ކަމަށެވެ. އެއީ އަންނަ ހަފުތާގައިވެސް ސްކޫލުތައް ބަންދު ކުރަން ޖެހިއްޖެ ހާލަތެއްގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިހާރު މިކަމަށް ތައްޔާރު ވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ ގްރޭޑް އެކަކުން ނުވައެއްގެ ދަރިވަރުންނަށް ނަގައިދޭ ފިލާވަޅުތައް ތައްޔާރު ކުރުމަށް މި ހަފުތާގައި މުދައްރިސުން ސްކޫލަށް ނިކުންނާނެ ކަމަށެވެ. އަދި މުދައްރިސުން މަސައްކަތް ކުރާނީ ކޮންމެ ގްރޭޑެއްގެ ކޮންމެ މާއްދާއަކަށް ވަކި ސްކީމެއް އެކުލަވައިލުމަށް ކަމަށް އިހުސާން ވިދާޅުވިއެވެ.

މީގެ އިތުރުން މިކަމުގައި މުދައްރިސުންނަށް ބޭނުންކުރެވޭނެ ވަސީލަތްތައް ފޯރުކޮށްދިނުމަށް އެޑިއުކޭޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި ދަރިވަރުންނަށް ގެނެސްދޭ ޕްރޮގްރާމްތައް ތައްޔާރު ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާނު ވިދާޅުވީ ކޮންމެ ދަރިވަރަކަށް ފިލާވަޅުތަކާއި ގުޅިގެން ކުރަން ހުރި ސުވާލުތައް މުދައްރިސުންނާއި ކުރުމުގެ ފުރުސަތު ލިބޭނެ ޕޯޓަލެއް ތައްޔާރު ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޕޯޓަލް މެދުވެރިކޮށް ނުވަތަ ދަރިވަރުންނަށް ވަކި ލިންކެއް ދީގެން މުދައްރިސުންނާއި ސުވާލު ކުރެވޭނެ އިންތިޒާމެއް ވެސް ހަމަޖައްސަމުން އަންނަ ކަން އިހުސާނު ފާހަގަ ކުރެއްވިއެވެ.