ޚަބަރު

ހިޔާ މަޝްރޫއުގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލައިފި

އައިދާ އަބްދުލް ހަކީމް

ހިޔާ މަޝްރޫއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް ވަގުތީގޮތުން މެދުކަނޑާލުމަށް ނިންމައިފިއެވެ.

ހިޔާ މަޝްރޫއުގެ ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް މިމަހުގެ ނިޔަލަށް އިއުލާނު ކުރެވޭވަރު ވާނެ ކަމަށް ހައުސިން މިނިސްޓްރީން އިއްޔެ ބުނެފައި ވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލައްވާފައިވާ ހިޔާ ފްލެޓުގެ ކަންކަން ބެލުމަށް ހާއްސަ ކޮމިޓީން މިއަދު ބުނީ ހިޔާ މަޝްރޫއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް މިއަދުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމާފައިވާ ކަމަށެވެ.

އެކޮމިޓީން ބުނީ އެ މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމީ ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި ސިއްހީގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ ފުޅާ ދާއިރާއެއްގައި އެބަލި ފެތުރުން ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި ކަމަށެވެ.

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން މި ފިޔަވަޅު އަޅާފައިވަނީ ހުރިހާ ފަރާތްތަކެއްގެ ވެސް ރައްކާތެރިކަން ކަށަވަރުކުރުމުގެ މަގުސަދުގައި ކަމަށާއި މި މަސައްކަތް އަލުން ފެށުމުގެ ކުރިން އެކަން އާންމުކޮށް އިއުލާނުކުރެވޭނެ ކަމަށް ވެސް ކޮމެޓީން ވަނީ ބުނެފައެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުރިމަތިލާން ކުރީ ސަރުކާރުން ހުޅުވާލުމުން އެކަމަށް އެދި 22،000 އަށްވުރެ ގިނަ ފަރާތްތަކުން ވަނީ ކުރިމަތިލައިފައެވެ. އެ ފުލްޓްތަކުގެ އަމަލީ މަސައްކަތް ނުނިމެނީސް ބައެއް ފަރާތްތަކަށް ފްލެޓްތައް ލިބުނު ކަމުގެ ލިޔުން ކުރީ ސަރުކާރުން ހަވާލު ކުރިއެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވަނީ ހިޔާ ފްލެޓުގެ ކަންކަން ބެލުމަށް ހާއްސަ ކޮމިޓީއެއް އުފައްދަވައިފައެވެ.

ރައީސް އޮފީހުން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން ޝަރުތު ހަމަވޭތޯ މިހާތަނަށް ބަލައި ސްކްރީން ކުރެވިފައިވަނީ 18،081 ފޯމެކެވެ. ފްލެޓު ކޮމިޓީން ބުނީ، އެންމެ ބޮޑު ގޮންޖެހުމަކަށްވީ، ހައުސިން މިނިސްޓްރީގެ ހުރި ހިޔާ ޕްރޮގްރާމްގެ ފޯމުތައް އެކި ތަންތަނުން ހޯދައިގެން ގެންގޮސް އެކަށައެޅުން ކަމަށެވެ.