ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ޕާލަމެންޓްރީ މެންބަރުންނާ، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބައްދަލު ކުރައްވައިފިއެވެ.
މިއަދު ހަވީރު މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި އިބޫގެ އިތުރުން އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެ ބައްދަލުވުމުގައި ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އިއްޔެ ބަންދުން ދޫކޮށްލި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ބައިވެރިވެ ވަޑައިގެންނެވި ކަން ޔަގީންވާ ގޮތެއް ނުވެއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ގިނަ އަދަދެއްގެ މަޖިލިސް މެންބަރުން ބައިވެރިވެ ވަޑައިގެންނެވި އެ ބައްދަލުމުގައި، އިއްޔެ ހެނދުނު ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއާއެކު ރައީސް އޮފީހުގެ ބޭއްވި ބައްދަލުވުމުގައި ދެކެވުނު ބައެއް ވާހަކަތައް އިބޫ ހިއްސާކުރެއްވި ކަމަށް ބައެއް މީޑިއާތަކަށް މެންބަރުން ވިދާޅުވެފައިވެއެވެ.