ޚަބަރު

ކޮވިޑް 19 : ޝަހީދުންގެ ދުވަހުގެ ޖަލްސާ ނުބާއްވަން ނިންމައިފި

މަރިޔަމް ޝަހުދާ

ކޮވިޑް 19ގެ ސަބަބުން މިއަހަރުގެ ޝަހީދުންގެ ދުވަހުގެ ޖަލްސާ ނުބާއްވަން ނިންމައިފި އެވެ.

މި ޖަލްސާ ނުބާއްވަން މިނިސްޓަރު އިމްރާން އަބްދުﷲ ނިންމެވިކަން ހޯމް މިނިސްޓްރީން އިއުލާނުކޮށްފައިވަނީ މިނިސްޓްރީގެ އޮފިޝަލު އެކައުންޓުން މިއަދު ކުރި ޓުވީޓެއްގައެވެ.

މި ނިންމުމަކީ ކޮވިޑް 19އިން ރައްކާތެރިވުމުގެ ގޮތުން ގިނަ މީހުން އެއްވެ އުޅޭ ހަރަކާތްތައް ނުބޭއްވުމަށް ކަމާ ގުޅުން ހުރި މުއައްސަސާތަކުން އިލްތިމާސް ކޮށްފައިވާތީ ނިންމާފައިވާ ނިންމުމެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ހޯމް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ޝަހީދުންގެ ދުވަހުގެ ޖަލްސާގެ އިތުރުން އެ ދުވަސް ފާހަގަ ކުރުމަށް ގިނަ މީހުން އެއްވާ ގޮތަށް ރާވާފައިވާ އެހެން ހުރިހާ ހަރަކާތްތަކެއް ވެސް ކުރިޔަށް ނުގެންދަން އެ މިނިސްޓްރީން ވަނީ ނިންމާފައެވެ. ނަމަވެސް ގިނަ މީހުން އެއްވުން ނުހިމެނޭ ހަރަކާތްތައް ރާވާފައިވާ ގޮތުގެ މަތީން ކުރިޔަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި ޝަހީދުންގެ ދުވަސް ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރަކުވެސް ޝައުބާން މަހު އެއްވަނަ ދުވަހުއެވެ. އެއީ އިސްލާން ދީނާއި ގައުމުގެ ދިފާއުގައި އަލި ރަސްގެފާނު ޕޯޗުގީޒުންނާއި ހަނގުރާމަ ކުރައްވައި ޝަހީދުވެވަޑައިގަތް ދުވަހެވެ.