ޚަބަރު

ވިލަމެންދޫ ރިސޯޓުން ކޮވިޑް 19އަށް ޝައްކުކުރެވޭ މީހެއްގެ ސާމްޕަލް ނަގައި ރަށް މޮނިޓަރިންގައި

ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ވިލަމެންދޫ އައިލެންޑް ރިސޯޓުން ސާމްޕަލް ނަގައި ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ އެމީހާގެ ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ރިސޯޓު މޮނީޓަރިންއަށް ލެވިފައިވާ ކަމަށެވެ.

"ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ވިލަމެންދޫ އައިލެންޑް ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގައި ޓެސްޓުކުރުމުގެ މަސައްކަތް ކުރިއަށްދަނީ. ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ރިސޯޓު ވަނީ މޮނީޓަރިންއަށް ލެވިފައި." އެޗްޕީއޭގެ ޓުވީޓުގައި ބުނެފައިވެއެވެ.

ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ރީތި ބީޗް ރިސޯޓުން ވެސް މިއަދު ވަނީ ބިދޭސީއަކު ޓެސްޓުކުރުމަށް ސާމްޕަލް ނަގައިފައެވެ. އޭނާގެ ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ރިސޯޓު ވެސް އޮތީ މޮނީޓަރިން ހާލާތުގައެވެ.

މިހާތަނަށް ރާއްޖެއިން ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ދިހަ މީހަކު ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.

ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ރާއްޖޭގައި 30 ދުވަހުގެ އާންމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާންކުރައްވައިފައެވެ.