ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކަރަންޓީނު ފެސިލިޓީތައް ގާއިމުކޮށްފައިވާ ކަމަށާއި އެ ފެސިލިޓީތަކަކީ 641 މީހުންގެ ޖާގައިގެ ފެސިލިޓީތަކެއް ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
އެ ފެސިލިޓީތަކުގެ ތަފުސީލުތައް ހާމަކޮށްފައިވަނީ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19 ގެ ރާއްޖޭގެ ހާލަތާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާން މުހައްމަދު މަބުރޫކެވެ.
މަބްރޫކު ވިދާޅުވީ 641 ޖާގައަކީ ކަރަންޓީނު ކުރުމަށާއި އައިސޮލޭޝަނަށް މިހާރު ބޭނުންކުރަމުން އަންނަ ވިލިވަރާއި ފަރުކޮޅުފޮށި ނުހިމަނާ ކަމަށެވެ.
ފެސިލިޓީތަކުގެ ޖާގައިގެ އަދަދުތައް:
- ހއ އަތޮޅުގައި ކަރަންޓީނަށް 29 ޖާގަ، އައިސޮލޭޝަނަށް 19 ޖާގަ.
- ހދ އަތޮޅުގައި ކަރަންޓީނަށް 64 ޖާގަ، އައިސޮލޭޝަނަށް 34 ޖާގަ.
- ށ އަތޮޅުގައި ކަރަންޓީނަށް 30 ޖާގަ، އައިސޮލޭޝަނަށް 21 ޖާގަ.
- ނ. އަތޮޅުގައި ކަރަންޓީނަށް 19 ޖާގަ، އައިސޮލޭޝަނަށް 16 ޖާގަ.
- ރ އަތޮޅުގައި ކަރަންޓީނަށް 17 ޖާގަ، އައިސޮލޭޝަނަށް 33 ޖާގަ.
- ބ އަތޮޅުގައި ކަރަންޓީނަށް 42 ޖާގަ، އައިސޮލޭޝަނަށް 41 ޖާގަ.
- ޅ އަތޮޅުގައި ކަރަންޓީނަށް 12، އައިސޮލޭޝަނަށް ފަސް ޖާގަ.
- ކ އަތޮޅުގައި ކަރަންޓީނަށް އަށް ޖާގަ، އައިސޮލޭޝަނަށް އަށް ޖާގަ (މައި ކަރަންޓީނު ފެސިލިޓީތައް ނުލައި).
- އއ އަތޮޅުގައި ކަރަންޓީނަށް ދިހަ ޖާގަ، އައިސޮލޭޝަނަށް ނުވަ ޖާގަ.
- އދ އަތޮޅުގައި ކަރަންޓީނަށް 23 ޖާގަ، އައިސޮލޭޝަނަށް 12 ޖާގަ.
- ވ އަތޮޅުގައި ކަރަންޓީނަށް ހަތަރު ޖާގަ، އައިސޮލޭޝަނަށް ނުވަ ޖާގަ.
- މ އަތޮޅުގައި ކަރަންޓީނަށް ނުވަ ޖާގަ، އައިސޮލޭޝަނަށް 12 ޖާގަ.
- ފ އަތޮޅުގައި އައިސޮލޭޝަނަށް އަށް ޖާގަ.
- ދ އަތޮޅުގައި ކަރަންޓީނަށް ހަ ޖާގަ، އައިސޮލޭޝަނަށް އަށް ޖާގަ.
- ތ އަތޮޅުގައި ކަރަންޓީނަށް 18 ޖާގަ.
- ލ އަތޮޅުގައި ކަރަންޓީނަށް 28 ޖާގަ، އައިސޮލޭޝަނަށް 22 ޖާގަ.
- ގއ އަތޮޅުގައި ކަރަންޓީނަށް 16 ޖާގަ، އައިސޮލޭޝަނަށް އަށް ޖާގަ.
- ގދ އަތޮޅުގައި ކަރަންޓީނަށް 14 ޖާގަ، އައިސޮލޭޝަނަށް 12 ޖާގަ.
- ފުވައްމުލަކުގައި ކަރަންޓީނަށް ހަތަރު ޖާގަ، އައިސޮލޭޝަނަށް ދެ ޖާގަ.
- އައްޑޫގައި ކަރަންޓީނަށް ފަސް ޖާގަ، އައިސޮލޭޝަނަށް ހަތަރު ޖާގަ.
މަބްރޫކު ވިދާޅުވީ އެ ފެސިލިޓީތަކުގެ އިތުރުން ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ވެލިދޫ ރިސޯޓު ބޭނުންކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި ވިލިވަރު ފެސިލިޓީގައި 100 އިތުރު އެނދެއް މިހާރު ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އަދި ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ހުޅުލެ އައިލެންޑް ހޮޓެލް ބޭނުންކުރުމަށް ވެސް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.