ޚަބަރު

ވިސާ އާއި މެޑިކަލް ހަދަން އުޅުމަށްވުރެ، ބިދޭސީ ލޭބަރުން ފުރޭނެ ގޮތް ހަދައިދިނުން މިވަގުތަށް މާ ރަނގަޅު: މޫސަ

އިބްރާހިމް ޒަކީ

ވިސާކާޑް ހަމަވާ ބިދޭސީ ލޭބަރުން ލައްވައި އަލުން ވިސާކާޑާއި މެޑީކަލް ހައްދަން އުޅުމުގެ ބަދަލުގައި އެފަދަމީހުންނަށް ފަސޭހައިން ފުރޭނެ ގޮތް ހަމަޖައްސައިދިނުން މިވަގުތަށް މާ މުހިއްމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީނެ ނާއިބުރައީސް ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ވަންއޮންލައިންއަށް މައުލޫމާތު ދެއްވަމުން މޫސަ ވިދާޅުވީ، މިހާރުވެސް އަމިއްލަ ގައުމަށް ފުރަން ބޭނުންވެ، ނުފުރިފައިތިބި އެތައް ބިދޭސީ ލޭބަރުންނެއް އެބަތިބި ކަމަށެވެ.

އޭގެ ތެރޭފައި އަމިއްލައަށް ހަރަދުކޮށްގެން ރާއްޖޭން ފުރަން ބޭނުންވެފައިވާ މީހުން އެބަތިބިކަމަށް މޫސަ ވިދާޅުވިއެވެ.

"ސަރުކާރު ގަވާއިދުގަ އޮންނަގޮތުން ވިސާކާޑު ހަމަވެއްޖެއްޔާ ދެން އޭނަ މިޖެހެނީ އެއްއަހަރު ދުވަހުގެ ވިސާއެއް ހައްދަން. ހައްދާއިރު އެބަޖެހޭ މެޑިކަލް ހަދަން. ނަމަވެސް ސުވާލަކީ ރާއްޖޭގައި ފުރަން ބޭނުންވެފައި ތިބި މީހުން ގެންގޮސްގެން ވިސާއާއި މެޑިކަލްއާ ހައްދަން ބޭނުންހޭ މިވަގުތު، އެއަށްވުރެ އަޅުގަނޑުމެންނަށް ބޭނުމޭ އެމީހުން ފޮނުވާލަން، މިހާރު ވެލިޑް ޕާސްޕޯޓްހުރި މީހުން އެބަތިބި،" މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ، ކޮވިޑް 19 ފަދަ ނުރައްކާތެރި ބައްޔެއް ފެތުރެމުންދާއިރު، ބިދޭސީ ލޭބަރުންނަށް އެބަލި ފޯރައިފިނަމަ، އެބަލި ފެތުރި އެހާގިނަ މީހުންނަށް ބޭނުންވާ ފެސިލިޓީ ނެތުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި އެފަދަ ހާދިސާއެއް ހިގައިފިނަމަ އެހާގިނަބަޔަކު އެކަހެރި ކުރާނެ ގޮތަކާމެދު ސުވާލު އުފެދޭ ކަމަށްވެސް ވިދާޅުވިއެވެ.

އަދި އިންޓަނޭޝަނަލް ޕްރެޝަރު ނެތް މިވަގުތަކީ އެފަދަމީހުން ފޮނުވާލުމަށް ލިބޭ ފުރުސަތެއް ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ބިދޭސީން ގަވާއިދަށް އެޅުވުމަށް ސަރުކާރުން ހިންގި ޕްރޮގްރާންގައި 30،000 އަށްވުރެ ގިނަ ވެލިޑް މީހުން ތިބިކަމަށް ސަރުކާރުން ބުނެފައިވާ ކަމަށެވެ. އެހެން ވެއްޖެ ނަމަ އެފަދަމީހުން މިފަދަ ސިއްހީ ހާއްސަ ހާލަތެއް ދިމާވެފައިވާ ވަގުތެއްގައި ފޮނުވާލަން ބޭނުންނަމަ އެމްބަސީން ޓްރެވަލް ޑޮކިއުމެންޓް ދޭން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.