ޚަބަރު

ޕެޑުން ޓެކްސް ނެގުން ހުއްޓާލުމުގެ ބިލު މަޖިލީހުން ބަލައިގެންފި

އަހުމަދު ޖައިޝަން

އަންހެނުން ބޭނުންކުރާ "ސެނިޓެރީ ނެޕްކިންސް" ނުވަތަ ޕެޑުން ޓެކްސް ނެގުން އުވާލުމަށް މަޖިލީހަށް ހުށަހެޅި އިސްލާހުގެ ބިލު މަޖިލީހުން ބަލައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު އެ ބިލު މަޖިލީހަށް ބަލައިގެންފައިވަނީ ވޯޓުގައި ހާޒިރުވި 65 މެމްބަރުންގެ އިއްތިފާގުންނެވެ.

އެއާއެކު އެ ބިލު ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

ސަރުކާރުގެ ފަރާތުން އެ އިސްލާހު ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ބާރީ އަބްދުﷲ އެވެ.

އެ ބިލުގެ ފުރަތަމަ ކިޔުން އިއްވަމުން އަބްދުލްބާރީ މިއަދު ވިދާޅުވީ ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ސެނިޓެރީ ނެޕްކިންސް އާއި ޓެމްޕޮންސް އަކީ އަސާސީ މުދަލެއްގެ ގޮތުގައި ހަމަޖެއްސުން ކަމަށެވެ.

"އެ ތަކެތިން ނަގަމުން އަންނަ ޓެކްސް ހުއްޓާލުމަށް ގިނަ އަދަދެއްގެ ރައްޔިތުން އެދިވަޑައިގަތުމާ ގުޅިގެން ރައްޔިތުންނަށް ލުއިފަސޭހަ ހޯދައިދިނުމަށް ހުށަހެޅީ،" އޭނާ ވިދާޅުވިއެވެ.