ޚަބަރު

ގުރޭޑް 10ގެ ދަރިވަރުންނަށް ޓީވީ މެދުވެރިކޮށް މާދަމާ ކިޔަވައިދޭން ފަށަނީ

އައިދާ އަބްދުލް ހަކީމް

މިހާރު ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން ސްކޫލުތައް ބަންދުކޮށްފައިވާތީ ދަރިވަރުންނަށް ފިލާވަޅުތައް ނުގެއްލޭގޮތަށް ކަންކަން ރޭވުމުގެ ގޮތުން ގްރޭޑް 10ގެ ދަރިވަރުންނަށް އަމާޒުކޮށްގެން އެޑިއުކޭޝަން މިނިސްޓްރީން ޔެސް ޓީވީ މެދުވެރިކޮށް "ޓެލިކިލާސް" ފެށުމަށް ނިންމައިފިއެވެ.

އެޑިއުކޭޝަނުން ކުރި ޓުވީޓެއްގައި ބުނީ މާދަމާ ފަށާ މި ޕްރޮގްރާމްގައި ގްރޭޑް 10ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފިލާވަޅުތައް ނެގިގެންދާނެ ކަމަށެވެ. މާދަމާ ނަގައިދޭ ކްލާސްތަކާއި ގަޑިތައް އެޑިއުކޭޝަނުން ވަނީ އާންމުކޮށްފައެވެ.

އެގޮތުން އެ މިނިސްޓްރީން ބުނެފައިވަނީ މާދަމާ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ކްލާސްތައް ޔެސް ޓީވީ މެދުވެރިކޮށް ކުރިއަށްގެންދަން ހަމަޖެހިފައިވާ ކަމަށެވެ.

މާދަމާ ނެގުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ 8:00 އިން 8:30 އަށް އިސްލާމް، 8:30 އިން 9:00 އަށް އިނގިރޭސި، 9:00 އިން 9:30 އަށް ހިސާބު، 9:30 އިން 10:00 އަށް ކޮމްޕިއުޓާ ސްޓަޑީޒް އަދި 10:00 އިން 10:30 އަށް ދިވެހި މާއްދާއެވެ.

ހެނދުނުގެ ތިން ކުލާހުގެ ރިޕީޓް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހެނދުނު 10:30 އިން 11:00 އަށް އިސްލާމް މާއްދާ ގެނެސްދޭ އިރު، އިނގިރޭސި މާއްދާ 11:00 އިން 11:30 އަށް އަދި ހިސާބު މާއްދާގެ ރިޕީޓު ގެނެސްދިނުމަށް ހަމަޖެހިފައިވަނީ 11:30 އިން މެންދުރު 12:00 އަށެވެ.

އެޑިއުކޭޝަނުން ބުނީ މެންދުރު 12:00 އިން މެންދުރު 1:00 އަށް އެއްގަޑިއިރުގެ ހުސް ވަގުތުކޮޅެއް ދިނުމަށްފަހު މެންދުރު 1:00 އިން މެންދުރުފަހު 2:00 އަށް އިސްލާމް މާއްދާގެ ސަބްޖެކް ފޯރަމް ގެނެސްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.