ޚަބަރު

އަނަންތަރާ ދިގު ރިސޯޓުން ޓެސްޓުކުރި ދެވަނަ މީހާގެ ނަތީޖާ ނެގަޓިވް

އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުން ޕޮޒިޓިވްވި މީހާއަށްފަހު އެ ރިސޯޓުން ޓެސްޓުކުރި ދެވަނަ މީހާގެ ނަތީޖާ ނެގަޓިވް ކަމަށް ކޮވިޑް 19ގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުހައްމަދު މަބުރޫކު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ އެ ރިސޯޓުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމި، ކޮންޓެކްސްގެ ގޮތުގައި ފާހަގަވާ މީހުން ރަށުގެ އެއް ސަރަހައްދަށް ގެންދެވިފައިވާ ކަމަށާއި އަދި އެމީހުން ގެންދެވިފައިވާ ސަރަހައްދު ނޫން އަނެއް ސަރަހައްދު މިހާރު އާންމު ހާލަތަށް ގެނެވިފައިވާ ކަމަށެވެ.

"އަނަންތަރާގެ ދެވަނައަށް ސާމްޕަލް ނެގި މީހާ ނެގަޓިވް. ކޮންޓެެކްޓް ޓްރޭސިން ވަނީ ހަދައި ނިމިފައި. އަދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ކޮންޓެކްސްގެ ގޮތުގައި އައިޑެންޓިފައިވާ ބޭފުޅުން ރަށުގެ އެއްފަރާތަށް އެބޭފުޅުން ގެންގޮސް، ކޯޑަން ކުރެވި އެ ފަރާތުން އަނެއް ފަރާތަށް ނާދެވޭ ގޮތަށް ހެދި، އެރަށުގެ ބާކީ ބައި މިހާރު ވަނީ އާންމު ހާލަތަށް ގެނެވިފައި،" އޭނާ ވިދާޅުވިއެވެ.

އަނަންތަރާ ދިގު ރިސޯޓުން ޓެސްޓު ކުރި ބިދޭސީއަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވަނީ އިއްޔެއެވެ. އޭނާއަކީ ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި ނުވަވަނަ މީހާއެވެ. މިއަދު ވެސް ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވި ބިދޭސީއަކު ފެނިފައެވެ.

މިހާތަނަށް ރާއްޖެއިން ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ދިހަ މީހަކު ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.

ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ރާއްޖޭގައި 30 ދުވަހުގެ އާންމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާންކުރައްވައިފައެވެ.