ޚަބަރު

ފެހެންދޫ އާއި ސަންގެލި ރިސޯޓުން ޓެސްޓުކުރި މީހުންގެ ނަތީޖާ ނެގަޓިވް

ބ. ފެހެންދޫ އާއި އޮބްލޫ ސަންގެލި ރިސޯޓުން ޓެސްޓުކުރި މީހުންގެ ނަތީޖާ ނެގަޓިވް ކަމަށް ކޮވިޑް 19ގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުހައްމަދު މަބުރޫކު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ފެހެންދޫ އާއި ސަންގެލި މިހާރު ވަނީ މޮނީޓަރިންގެ ހާލަތުން އާންމު ހާލަތަށް ގެނެވިފައި ކަމަށެވެ.

"ސަންގެލި އަދި ފެހެންދޫ، މި ދެ ރަށުން ނެގި ސާމްޕަލްތައް ވެސް ނެގަޓިވް. އެ ރަށްރަށުގެ ކޮންޓްކްޓްސް ވަނީ އައިސޮލޭޓް ކުރެވިފައި. އަދި އެ ރަށްތައް ވަނީ މޮނީޓަރިންގެ ހާލަތުން އާންމު ހާލަތަށް ގެނެވިފައި،" އޭނާ ވިދާޅުވިއެވެ.

ފެހެންދޫއިން ބަލީގެ އަލާމާތްތައް ފެނުނީ އެރަށުގެ ގެސްޓް ހައުސްއަކަށް ދިޔަ ފަތުރުވެރިއެއްގެ ކިބައިންނެވެ. އަދި ސަންގެލި ރިސޯޓުން އަލާމާތްތައް ފެނިގެން ތިން މީހެއްގެ ސާމްޕަލް ނެގިއެވެ. އޭގެ ތެރެއިން ދެ މީހެއްގެ ނަތީޖާ ނެގެޓިވް ކަމަށް ރޭ މަބްރޫކް ވަނީ ވިދާޅުވެފައެވެ. އަދި މިހާރު ތިންވަނަ މީހާގެ ނަތީޖާ ވެސް މިވަނީ ނެގަޓިވްވެފައެވެ.

މިހާތަނަށް ރާއްޖެއިން ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ދިހަ މީހަކު ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.

ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ރާއްޖޭގައި 30 ދުވަހުގެ އާންމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާންކުރައްވައިފައެވެ.