ޚަބަރު

ކައުންސިލް އިންތިހާބަށް އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ހަދައިފައެއް ނުވާނެ: އެމްޑީއޭ

އައިދާ އަބްދުލް ހަކީމް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި އެއްވެސް ސިޔާސީ ޕާޓީއަކާއެކު ކޯލިޝަން ހަދާފައި ނުވާނެ ކަމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިން ބުނެފިއެވެ.

އެމްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިފަހަކަށް އައިސް ސޯޝަލް މީޑިއާގައި އެމްޑީއޭއާއި ޕްރޮގްރެވިސް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ މެދުގައި ކޯލިޝަން އުފައްދާފައިވާ ކަމަށް ސިފަވާގޮތަށް ބައެއް ފަރާތްތަކުން ޕޯސްޓަރުތަކާއި ލިއުންތައް ދައުރުކުރަމުންދާތީ އާންމުންނަށް އޮޅުން އަރާފައިވާ ކަމަށެވެ. އަދި އެޕާޓީގެ ހުއްދައަކާ ނުލައި އެފަދަ ޕޯސްޓަރާއި ލިއުން އާންމު ނުކުރުމަށް އެމްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

"ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އެމްޑީއޭއިން އެއްވެސް ސިޔާސީ ޕާޓީއަކާ ކޯލިޝަން ހަދާފައި ނުވާނެ ވާހަކަ މި ފުރުސަތުގައި ދަންނަވަމެވެ. މިހެން މި ދެންނެވީ މިފަހަކަށް އައިސް ސޯޝަލް މީޑިއާގައި އެމްޑީއޭ އާއި ޕީޕީއެމްގެ މެދުގައި ކޯލިޝަން ގުޅުމެއް އުފެދިފައިވާ ކަމަށް ސިފަވާގޮތަށް ބައެއް ފަރާތްތަކުން ދައުރުކުރަމުންދާ ޕޯސްޓަރުތަކާއި، ލިޔުންތަކުގެ ސަބަބުން އާންމު ފަރާތްތަކަށް އޮޅުން އަރަމުންދާތީ ކަމުގައި ދަންނަވަމެވެ..،" އެމްޑީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

މިދިޔަ ސަރުކާރުގައި އެމްޑީއޭ ވަނީ ޕީޕީއެމްއާއެކު ކޯލިޝަން ހަދައި ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމްއާއެކު މަސައްކަތްކޮށް، ދައުރު ނިމެން ގާތްވެފައި ވަނިކޮށް ކޯލިޝަނުން ވަކިވެފައެވެ.

ކުރިން އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެއްސި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު މިހާރު ވަނީ ފަސްކޮށްފައެވެ.

ކޮވިޑް 19 އާ ގުޅިގެން އާންމު ސިއްހީ ނުރައްކަލުގެ ހާލަތު ރާއްޖޭގައި 30 ދުވަހަށް އިއުލާން ކުރުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިންތިހާބު އަންނަ މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފައެވެ. އެހެންނަމަވެސް އީސީން މިއަދު ބުނެފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ)އިން އިތުރަށް ކުރިއަށްގެންދާނެ ގޮތެއް މާދަމާ އިއުލާންކުރާނެ ކަމަށެވެ.