އިބްރާހިމް ޒަކީ
ކޮވިޑް 19 އަށް ޓެސްޓު ކުރުމަށް ބޭނުންކުރާ އިތުރު ކިޓްތައް ލިބިފައިވާ ކަމަށާއި އެގޮތުން އިތުރު 5،000 ސްކްރީނިން ކިޓަކާއި 1،000 ކޮންފަމޭޓަރީ ކިޓް ލިބިފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
އެ ސެންޓަރުގައި ބޭއްވި ނިއުސްކޮންފަރެންސެއްގައި ކޮވިޑް 19 ގެ ރާއްޖޭގެ ހާލަތާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާން މުހައްމަދު މަބުރޫކު މިރޭ ވިދާޅުވީ، ކޮރޯނާ ވައިރަހަށް ޓެސްޓް ކުރުމަށް ބޭނުންކުރާ އިތުރު ކިޓް ތަކަކާއި، ކޮވިޑް 19 އަށް ޓެސްޓް ކުރަންބޭނުން ކުރާ އިތުރު ކިޓްތަކެއް ލިބިފައިވާ ކަމަށެވެ.
އެގޮތުން 5،000 ސްކްރީނިން ކިޓަކީ ކޮރޯނާގެ އެއްވެސް ވައިރަސްއެއް ހުރިތޯ ބެލުމަށް ޓެސްޓްކުރާ ކިޓްތަކެއް ކަމަށާއި، 1،000 ކިޓަކީ ސީދާ ކޮވިޑް 19 ހުރިތޯ ބަލަން ޓެސްޓް ކުރާ ކިޓްތަކެއް ކަމަށެވެ.
"ސްކްރީނިން ކިޓްގެ މާނައަކީ ސްކްރީނިން ކިޓަކުން ޓެސްޓް ކުރީމަ އެނގޭނެ އެމީހާގެ ގައިގާ ކޮރޯނާގެ އެއްވެސް ވައިރަސްއެއް ހުރިތޯ، ކޮންފޮމޭޓްރީ ކިޓެއްގެ ބޭނުމަކީ އެއީ ކޮރޯނާ 19 ވައިރަސް ހުރިތޯ ޔަގީން ކުރުން،" މަބްރޫކު ވިދާޅުވިއެވެ.
މިއަދާ ހަމައަށް ރާއްޖޭން 10 މީހުން ވަނީ ކޮވިޑް 19 އަށް ޕޮސިޓިވް ވެފައެވެ.
މަބްރޫކު ވިދާޅުވީ އެ އެންމެންނަކީ ބިދޭސީން ކަމަށެވެ.
އޭގެ ތެރެއިން އެންމެ ކޭސްއެއް ފިޔަވައި ހުރިހާ ކޭސް ތަކަކީ ރާއްޖޭން ބޭރުން ރާއްޖެއަށް އެތެރެ ވެފައިވާ ކޭސްތައް ކަަމަށްވެސް ވިދާޅުވިއެވެ.
"އެ ފެށުނުއިރުގައި ކުރެއްދޫއަށް އައި މީހެއްގެ ފަރާތުން އެހެން ބަޔަކަށް އަރައިފަ ހުރިކަން ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އޭގެ އިތުރުން ރާއްޖޭގައި ޕޮޒިޓިވްވެފައިހުރި ހުރިހާ ކޭސްތަކަކީ ވެސް ޑައިރެކްޓް އިމްޕޯޓެޑް ކޭސްތައް، މާނައަކީ ރާއްޖެއަށް އެބަލި ހިފައިގެން އައި މީހުންނޭ، މީހެއްގެ ގައިން އެހެންމީހެއްގެ ގަޔަށް ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި އަރާފައެއްނުވޭ، " މަބްރޫކު ވިދާޅުވިއެވެ.